ކުޅުދުއްފުށި ސިޓީގައި ކުއްލި ގޮތަކަށް 16 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އެ ރަށަށް ނިސްބަތްވާ ޝަޒްފާ އަބްދުﷲއެވެ.
ކުއްލި ގޮތަކަށް މަރުވިއިރު، އެ ކުއްޖާއަކީ އެ ރަށު ސްކޫލުގެ ގްރޭޑް 10ގައި ތައުލީމު ހާސިލްކުރަމުންދިޔަ ކުއްޖެކެވެ.
ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު އަހުމަދު އަބްދުﷲ "ސަން" އަށް ވިދާޅުވި ގޮތުގައި އެ ކުއްޖާ މަރުވީ ކޮން ސަބަބަކާ ހުރެކަން ނޭނގުނު ނަމަވެސް އެއީ ކުއްލި މަރެކެވެ.
ޝަޒްފާގެ ޖަނާޒާ އޮތީ މިއަދު އަސްރު ނަމާދަށް ފަހު، ކުޅުދުއްފުށީ މަސްޖިދުލް ހަލާރާތުގައެވެ.
އެނގިފައިވާ ގޮތުގައި ޝަޒްފާއަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.