ދިރާގުން ކުރިއަށްގެންދާ 'އެންރޯލް އެންޑް ވިން 2 ސްޕީޑް ބޯޓް' ޕްރޮމޯޝަންގެ ފުރަތަމަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ހަރަކާތުގައި މަޝްހޫރު ޑީޖޭ މީކާގެ ހުށަހެޅުންތައް ފެންނާނެ ކަމަށް ދިރާގުން ބުނެފިއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހުކުރު ދުވަހުގެ ހަވީރު 16:00އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ދިރާގުން ބުނީ މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު ކުރިއަށްދާ މި ހަވީރުގެ އެންމެ ފޯރިގަދަ ވަގުތަކަށް ވެގެންދާނީ ދިރާގުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ އިއުލާނުކުރާ ވަގުތު ކަމަށެވެ.
އެގޮތުން މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ޒުވާން ފަންނާނެއް ކަމަށްވާ ޑީޖޭ މީކާގެ ފޯރިގަދަ ހުށަހެޅުމަކުން ކަމަށް ދިރާގުން ބުންޏެވެ.
އުމުރުން އެންމެ 17 އަހަރުގެ މީކާއަކީ އޭނާގެ ހުނަރުވެރި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މިއުޒިކީ ދާއިރާގައި މަގުބޫލުކަމެއް ހޯދަމުން އަންނަ ފަންނާނެކެވެ. އެގޮތުން ދިރާގު މޯލްޑިވްސް ރޭސް 2025 އާ ގުޅުވައިގެން ބޭއްވި 'ދިރާގު އެކްސް އައިސިކް' ޝޯގައި ވެސް ޑީޖޭ މީކާ ވަނީ އޭނާގެ މިއުޒިކީ ހުނަރާއި ފޯރިގަދަ ހުށަހެޅުންތައް ދައްކާލައި، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައެވެ.
ދިރާގުން ބުނީ ސްޕީޑް ބޯޓު ޕްރޮމޯޝަންގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑް ބޯޓު ހޯދުމުގެ ފުރުސަތު ނިމުނު ކަމުގައި ވިޔަސް، ދެވަނަ ލޯންޗު ކާމިޔާބުކުރުމުގެ ފުރުސަތު މިއަހަރުގެ މާޗު މަހުގެ 31ގެ ނިޔަލަށް ކަސްޓަމަރުންނަށް އެބައޮތް ކަމަށެވެ.