ބިހި ނެގުމުން އުދެފޭ ލަކުނު ފިލުވައި، އިސްތަށި ފެޅުމަށް އެހީވެދޭ ޕީއާރުޕީ ޚިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފި

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް: ބިހި ނެގުމުން އުދެފޭ ލަކުނު ފިލުވައި، އިސްތަށި ފެޅުމަށް އެހީވެދޭ ޕީއާރުޕީ ޚިދުމަތް އެ ހޮސްޕިޓަލުން ފަށައިފި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ބިހި ނެގުމުން އުދެފޭ ލަކުނު ފިލުވައި، އިސްތަށި ފެޅުމަށް އެހީވެދޭ ފަރުވާއެއް ކަމަށްވާ ޕްލޭޓްލެޓް ރިޗް ޕްލާޒްމާ (ޕީއާރުޕީ) ތެރަޕީގެ ޚިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ޑާމައެސްތެޓިކް ޚިދުމަތްތަކުގެ ތެރެއިން، އައު ފަރުވާއެއްގެ ގޮތުގައި ފެށި ޕީއާރުޕީ ތެރަޕީއަކީ ޚިދުމަތް ލިބޭ ފަރާތުގެ އަމިއްލަ ލޭ ބޭނުންކޮށްގެން ދެވޭ ޒަމާނީ ފަރުވާއެއްކަމަށެވެ.

ޕީއާރުޕީ ޚިދުމަތުގެ ތެރޭގައި ހިމެނެނީ:

  • އިސްތަށި ފެޅުމަށް ދެވޭ ޕީއާރުޕީ - މިއީ އިސްތަށި ފަޅާ ވަޅުތަކަށް ބާރުދީ، އިސްތަށި ފެޅުމަށް އެހީތެރިވެދީ، އިސްތަށިގަނޑު ބޯކޮށްދޭ ފަރުވާއެކެވެ.
  • ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނު ފިލުވުމަށް ދެވޭ ޕީއާރުޕީ - މިއީ ހަށިގަނޑުގައި ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނުތައް ފިލުވައިދީ، ސިއްހަތު ރަނގަޅު ހަންގަނޑެއް ހޯދައިދިނުމަށް ދެވޭ ފަރުވާއެކެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މި ފަރުވާގައި ޚިދުމަތް ލިބޭ ފަރާތުގެ ލޭގައި ހުންނަ ޕްލޭޓްލެޓްތައް ވަކިކޮށްފައި، ކޮންސެންޓްރޭޓް ކުރުމުން އަދަދު އިތުރުވެއެވެ. މިގޮތަށް ވަކިކުރެވޭ ޕްލޭޓްލެޓްތަކަކީ މީހާގެ ފަރުވާއަށް އެހީތެރިވެދޭ މާއްދާތަކުން މުއްސަނދިވެފައިވާ ބައެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މި މާއްދާތަކުގެ ސަބަބުން ސެލްތައް މަރާމާތުވެ، ކޮލަޖެން އުފެއްދުމާއި ޓިޝޫތައް އަލުން އުފެދުމަށް މަގުފަހިވެގެންދެއެވެ.

ޑާމައެސްތެޓިކް ޚިދުމަތްތަކަށް ޕީއާރުޕީ ތައާރަފުކުރުމުގެ ކުރިން ވެސް، ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ހުޅުހުޅުގެ ބަލިތަކަށް ޕީއާރުޕީ އިންޖެކްޝަންގެ ފަރުވާ ދެމުންނެވެ. މިއީ ހުޅުހުޅުގެ ބަލިތައް ގުދުރަތީ ގޮތުން ފަސޭހަވުން އަވަސްކޮށްދީ، ދުޅަވުން ކުޑަކޮށްދީ، ހުޅުހުޅުގެ މަސައްކަތް ހަރުދަނާކުރުމަށް ދެވޭ ފަރުވާއެކެވެ. މީގެ ތެރޭގައި އޮސްޓިއޯއާތުރައިޓިސް، ޓެންޑޮނައިޓިސް އަދި ލިގަމެންޓަށް ލިބޭ އަނިޔާތައް ހިމެނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މި ޚިދުމަތް ތައާރަފުކުރުމަކީ ބަލިމީހުންނަށް އިސްކަންދީގެން، އައު އަދި ޒަމާނީ ފަރުވާތައް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލްއިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ.

އެ ހޮސްޕިޓަލުން ބުނީ އެތަނުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ޚިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

comment ކޮމެންޓް