'އާވާރާޕަން 2' ރިލީޒްކުރުން ފަސްކުރީ ބަޔަކު ދެކެ ބިރަކުން ނޫން: މުކޭޝް

ފިލްމު "އާވާރާޕަން"ގެ ލީޑް އެކްޓަރު އިމްރާން ހާޝިމީ އަދި ޕްރޮޑިއުސަރު މުކޭޝް ބަޓް--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީގެ ފިލްމު "އާވާރާޕަން 2" ރިލީޒްކުރުން ފަސްކުރީ ބޮޑު ބަޖެޓް ފިލްމުތަކުގެ އަސަރު ފިލްމުގެ ވިޔަފާރިއަށް ކޮށްފާނެ ކަމަށް ދެކި އެކަމުގެ ބިރު ހީވުމުން ނޫން ކަމަށް މުކޭޝް ބަޓް ބުނެފިއެވެ.

ފިލްމު "އާވާރާޕަން 2" އަކީ މުކޭޝް ބަޓް ޕްރޮޑިއުސްކޮށް މޯހިތު ސޫރީ 2007ގައި ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު "އާވާރާޕަން"ގެ ސީކުއަލްއެކެވެ. ފިލްމު "އާވާރާޕަން 2" ގެ ޑައިރެކްޓަރަކީ ނިތިން ކައްކަރުއެވެ.

ބިލާލް ސިއްދީގީ ޕްރޮޑިއުސްކޮށް މިހާރު މަސައްކަތް ވެސް ފަށާފައިވާ "އާވާރާޕަން 2" އެންމެ ފުރަތަމަ ރިލީޒްކުރަން ތާވަލުކުރެވުނީ މި އަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހަށެވެ. ނަމަވެސް، ފިލްމު ރިލީޒްކުރުން މިހާރު ފަސްކުރެވިފައިވާއިރު ސިނަމާތަކަށް ފިލްމު ގެނެސްދެވޭނީ މި އަހަރުގެ މެއި މަހު ނުވަތަ ޖޫން މަހު ކަމަށް މުކޭޝް ބަޓް ވަނީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ(ޕީޓީއައި)އަށް ދިން އިންޓަވިއުގައި ބުނެފައެވެ.

ބޮލީވުޑްގެ ތަރިން ކަމަށްވާ އިމްރާން ހާޝިމީ އަދި ދިޝާ ޕަޓާނީ--ފޮޓޯ/ޕިންކްވިލާ

ފިލްމު ރިލީޒްކުރުން ފަސްކުރެވުނީ މާރިޗު މަހު ބޮލީވުޑްގެ ފިލްމު "ދުރަންދާރު 2" އަދި ކަންނާޑާ ފިލްމު "ޓޮކްސިކް" ސިނަމާތަކަށް ގެންނާތީ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެމުން މުކޭޝް ބަޓް ބުނީ، "އާވާރާޕަން 2" ރިލީޒްކުރުން ފަސްކުރެވުނީ ފިލްމުގެ ޝޫޓިން ތެރޭ އެކްޓަރު އިމްރާން ހާޝިމީއަށް އަނިޔާވެ އެކަމާ ގުޅޭ ޚާއްސަ ސާޖަރީއެއް ހެދުމަށް ވަގުތު ބޭނުންވުމުން ކަމަށެވެ. ސާޖަރީއަށް ފަހު އެއްކޮށް ރަނގަޅުވަންދެން އިމްރާން ގޭގައި އަރާމު ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި 45 ދުވަސް ވަންދެން އެއްވެސް އެކްޝަން ސީންއެއް ކުޅުން ޑޮކްޓަރުން ވަނީ އިމްރާނަށް މަނާކޮށްފައި ކަމަށް ވެސް މުކޭޝް ވަނީ ބުނެފައެވެ.

އެހެންވެ، ފިލްމު "އާވާރާޕަން 2" ރިލީޒްކުރުން ފަސްކުރެވުނީ އެއްވެސް ބައެއް ދެކެ ބިރުން ނޫން ކަމަށާއި އެއީ އެ ފިލްމުގެ މަސައްކަތް ނިންމަން ވަގުތު ބޭނުންވާތީ ނިންމު ނިންމުމެއް ކަމަށް މުކޭޝް ވަނީ ބުނެފައެވެ. މުކޭޝްއާ ހަވާލާދީ (ޕީޓީއައި)އިން ބުނި ގޮތުގައި ފިލްމު "އާވާރާޕަން 2"ގެ މިހާރު ނުނިމި އޮތީ އެންމެ 20 ދުވަހުގެ ޝެޑިއުލްއެކެވެ.

އެއީ، މި އަހަރުގެ މާރިޗު މަހުގެ ތެރޭ މެލޭޝިއާގައި ކުރިއަށްގެންދަން ތާވަލުކޮށްފައި އޮތް ޝެޑިއުލްއެއް ކަމަށާއި އިމްރާން ރަނގަޅުވިހާ އަވަހަކަށް ފިލްމުގެ މަސައްކަތް އަލުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ. އިމްރާނާ އެކު "އާވާރާޕަން 2"އިން ފެންނާނެ މުހިއްމު ތަރިންގެތެރޭ ދިޝާ ޕަޓާނީ އަދި ޝަބާނާ އަޒްމީ ހިމެނެއެވެ.

comment ކޮމެންޓް