ސޮނި ޓީވީއިން ގެނެސްދެމުން އަންނަ މަގުބޫލު ޝޯ "އިންޑިއަން އައިޑޮލް 3" ކާމިޔާބުކުރި ޕްރަޝާންތު ތަމަންގް މަރުވެއްޖެއެވެ.
އުމުރުން 43 އަހަރުގެ ޕްރަޝާންތު މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެން ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ޕްރަޝާންތު މަރުވީ ނިއު ދިއްލީގައި ހުންނަ އަމިއްލަ ގޭގައި ހުއްޓާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ.
ޕްރަޝާންތުގެ ކުއްލި މަރުގެ ޚަބަރާ ގުޅިގެން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރަޔާން ހިތާމަފާޅު ކުރަމުން ބުނެފައި ވަނީ، ޕްރަޝާންތު ފަދަ ހުނަރުވެރި މިއުޒީޝަނެއް އަދި ލަވަކިޔުންތެރިޔަކު ޅަ އުމުރުގައި ވަކިވެ ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
އުދިތު އަކީ 2004 ވަނަ އަހަރު ގެނެސްދިން "އިންޑިއަން އައިޑޮލް 3"ގެ ފަނޑިޔާރުންގެ ޕެނަލުގައި ވެސް މަސައްކަތްކުރި ލަވަކިޔުންތެރިއެކެވެ.
އެ ސީޒަންގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޕްރަޝާންތުގެ މިއުޒިކަލް ކެރިއަރު ވަރަށް ގާތުން އުދިތުއަށް ފެނިފައިވާ ކަމަށާއި އެއީ ވަރަށް ހުނަރުވެރި މީހުންނަށް އެހާ ކަމޭހިތާ އަހްލާގު ރަނގަޅު މީހެއް ކަމަށް އުދިތު ވަނީ ސިފަކޮށްފައެވެ.

ޕްރަޝާންތު ތަމަންގް "ޕާޓަލް ލޮކް"ގެ ދެވަނަ ސީޒަންގެ މަންޒަރެއްގައި --ފޮޓޯ/ބޮލީވުޑްހަންގާމާ
އިންޑިއާގެ ބެންގާލްގެ ސިޓީއެއް ކަމަށްވާ ދަރްޖީލިންގްއަށް އުފަން ޕްރަޝާންތަކީ ނޭޕާލު ދަރިފަސްކޮޅަށް ނިސްބަތްވާ މީހެކެވެ. "އިންޑިއަން އައިޑޮލް 3"އިން ލިބުނު މަޝްހޫރުކަމާ އެކު ޕްރަޝަންތަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު އޭރު ލިބުނެވެ.
އޭނާ އެ ސީޒަން ކާމިޔާބުކުރީ 700 ލައްކައަށް ވުރެ ގިނަ ވޯޓު ކާމިޔާބުކޮށްގެންނެވެ. މިއުޒިކީ ދާއިރާއިން ހާސިލުކުރި ކާމިޔާބީއާ އެކު ޕްރަޝާންތު ފަހުން މަސައްކަތްކޮށްފައި ވަނީ މިނިވަން މިއުޒީޝަނެއްގެ ގޮތުގައެވެ. އޭނާގެ އުފެއްދި ބައެއް ލަވަތަކަކީ ހިންދީ ބަހުންނާއި ނޭޕާލު ބަހުން ގެނެސްދިން ލަވަތަކެކެވެ.
ނޭޕާލީ އެކްޓަރެއްގެ ގޮތުގައި އެ ޤައުމުގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމަށްފަހު ޕްރަޝާންތު ވަނީ ފަހުން ހިންދީ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ.
އޭގެތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން "ޕާޓަލް ލޮކް"ގެ ދެވަނަ ސީޒަން ހިމެނެއެވެ. ޕްރަޝާންތު އެންމެފަހުން މަސައްކަތްކޮށްފައި ވަނީ މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރާ ސަލްމާން ޚާންގެ ފިލްމު "ބެޓްލް އޮފް ގަލްވާން"ގައެވެ.