ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން މިއަދު ވަކިކުރި އަހްމަދު ޝަމާހަށް ފަހު، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒު ވެސް އެ މަގާމުން ދުރުކޮށްފިއެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމުން ދުރުކޮށްފައި މިވަނީ، މިއަދު އެ ކުންފުނީގެ އެމްޑީގެ މަގާމުން ވަކިކުރި ޝާމާހަށް ފަހު، ވަގުތީ ގޮތުން އެ ކުންފުނި ހިންގުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޑރ. އަލީ އަޒްވާރާ ހަވާލުކޮށްފައި ވަނިކޮށެވެ.
އެ މަގާމުން ދުރުކުރި ނަމަވެސް، އަޒްހަދު ސްޓެލްކޯއަކުން ވަތްކެއް ނުކުރެއެވެ.
ޝަމާހު ވަކިކޮށްފައިވަނިކޮށް މިއަދު ވަނީ ސޯޝަލް މީޑިއާގައި އޭނާ ވާހަކަދައްކާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެފައެވެ. ލީކުވެފައިވާ އޯޑިއޯގައި ޝަމާހު ކުންފުނީގެ އެތެރޭގައި 'ކުރަން އުޅުނު ކަންތައްތައް' އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދާއި އިތުރު އެހެން މީހަކަށް ކަމަށް ބުނެއެވެ. ނަމަވެސް އެއީ ޝަމާހު ކަމެއް ޔަގީނެއް ނޫނެވެ.
އެފަދައިން ބުނާ އޯޑިއޯ ލީކުވެފައި ވަނިކޮށް، އަޒްހަދު މިވަނީ މަގާމުން ދުރުކޮށްފައެވެ.
ބެލެވޭ ގޮތުގައި އެ ކުންފުނިން އެ ދެބޭފުޅުން ވެސް ވަކިކޮށްފައި މިވަނީ ކޮރަޕްޝަންގެ ތުހުމަތުގައެވެ.
އެކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން ޝަމާހު ވިދާޅުވީ ލީކުވެފައިވާ ކަމަށް ބުނާ އޯޑިއޯއަކީ ފޭކު އޯޑިއޯއެއް ކަމަށެވެ.
"ބައްލަވާ އެއީ ފެބްރިކޭޓެޑް އޯޑިއޯއެއް. އެއްގޮތަކަށް ވެސް ހަގީގަތެއް ނޫން،" ޝަމާހު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޝަމާހު މަގާމަށް އައްޔަންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، ޝަމާހު ވަކިކުރީ މިއަދުން ފެށިގެން ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެއެވެ.
މި ސަރުކާރުގައި ޝަމާހުއަށް ފުރަތަމަ ދިނީ މިފްކޯގެ ސީއީއޯ ކަމުގެ މަގާމެވެ. އެ މަގާމުން އޭނާ ވަކިކުރީ 2024ވަނަ އަހަރުގެ މެއި 21 ގައެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުވެސް ކުރި އެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ އެޕްރީލް 24 ގައެވެ.
ޕީސީބީއިން އެންމެ ފުރަތަމަ ސަމާހު ސަސްޕެންޑުކުރީ މާޗު 18 ގައެވެ. އޭރު ސަސްޕެންޑްކުރި މުއްދަތު މާޗު 31، ގައި ހަމަވާތީ އެޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރުކުރިއެވެ. ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގައި އިންކުއަރީއެއް ހެދުމުގެ ގޮތުންނެވެ. އޭނާ ސަސްޕެންޑުކުރި ނަމަވެސް އެއިރު ވެސް މުސާރައާއި އިނާޔާތްތައް ލިބުނެވެ.
ޝަމާހު މިފްކޯއިން ވަކިކުރުމަށްފަހު، ދެން ދިނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމެވެ.