ވަޓްސްއެޕަށް 'ޔޫޒާނޭމް' ފީޗާ ތައާރަފްކުރަނީ

މިހާރު އެންޑްރޮއިޑް ބީޓާ ވާޝަންގައި މިފީޗާދަނީ ޓެސްޓްކުރަމުން ---

ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ ފޯނު ނަންބަރު ހާމަނުކޮށް، 'ޔޫޒާނޭމް' ނުވަތަ 'ހެންޑަލް' ބޭނުންކޮށްގެން މީހުންނާ ގުޅޭނެ އާ ފީޗާއެއް ތައާރަފްކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

މި ފީޗާގެ ސަބަބުން، ވަޓްސްއެޕް މެދުވެރިކޮށް މީހުންނާ ވާހަކަދެއްކުމުގައި ފޯނު ނަންބަރުގެ ބަދަލުގައި އަމިއްލައަށް ކަނޑައަޅާ ޔޫޒާނޭމެއް ބޭނުންކުރެވޭނެއެވެ. މިއީ ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ އިތުރަށް ވަރުގަދަކުރުމަށް ގެނެވޭ ބަދަލެކެވެ. މިގޮތަށް ޔޫޒާނޭމް މެދުވެރިކޮށް ގުޅާއިރު، ކުރިން ނަންބަރު ސޭވްކޮށްފައި ނުވާނަމަ އެކަކު އަނެކަކުގެ ފޯނު ނަންބަރެއް ނުފެންނާނެއެވެ.

https://sun.mv/216514

މިހާރު އެންޑްރޮއިޑް ބީޓާ ވާޝަންގައި ޓެސްޓްކުރަމުންދާ މި ފީޗާގެ ދަށުން، ފޭސްބުކް އަދި އިންސްޓަގްރާމްގައި ބޭނުންކުރާ ޔޫޒާނޭމްތައްވެސް ވަޓްސްއެޕްގައި ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބެލެވެއެވެ. 'އެޓް' (@) ސައިން ބޭނުންކޮށްގެން ހޯދޭ މި ޔޫޒަރނޭމްތަކަކީ އިޚްތިޔާރީ ފީޗާއެކެވެ.

މި އާ ފީޗާގެ ސަބަބުން ގްރޫޕްތަކުގައާއި ވިޔަފާރި މުއާމަލާތްތަކުގައި ފޯނު ނަންބަރު ސިއްރުކޮށްފައި ބެހެއްޓުމަށް މަގުފަހިވާނެއެވެ. މި ފީޗާ މިއަހަރުގެ ފަހުކޮޅު އާންމުކުރާނެ ކަމަށް ބެލެވޭއިރު، ޔޫޒާނޭމް ރިޒާވްކުރުމުގެ ފުރުސަތު 2026 ވަނަ އަހަރުގެ ކުރީކޮޅު ހުޅުވާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަޓްސްއެޕުން މި ބަދަލު ގެންނަން ނިންމާފައި މިވަނީ، މެސެޖިން ދާއިރާގައި އެންމެ ބޮޑު ވާދަވެރިން ކަމަށްވާ ޓެލެގްރާމް އަދި ސިގްނަލް ފަދަ އެޕްލިކޭޝަންތަކުގައި މި ފީޗާ ބޭނުންކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. މީގެ ކުރިން ވަޓްސްއެޕް ބޭނުންކުރެވޭނީ ހަމައެކަނި ފޯނު ނަންބަރު މެދުވެރިކޮށް ކަމަށްވުމުން، ނުދަންނަ މީހުންގެ ފަރާތުން އަންނަ ސްޕޭމް މެސެޖުތަކާއި ފުރައްސާރައަށް ބޭނުންކުރާ ފަރާތްތައް ހުށަހެޅޭ މިންވަރު އިތުރެވެ. ނަމަވެސް، ޔޫޒާނޭމް ތައާރަފްވުމާއެކު މިފަދަ ކަންކަމަށް ބޮޑު ހައްލެއް ލިބި، މުއާމަލާތްކުރާ މީހާގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.

ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ވަޓްސްއެޕުން ވަނީ ޕްރައިވެސީއަށް އަމާޒުކޮށް ގިނަ ފީޗާތަކެއް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި 'ޗެޓް ލޮކް' އާއި، ނުދަންނަ ނަންބަރުތަކުން ކުރާ ކޯލްތައް 'ސައިލެންސް' ކުރެވޭ ފީޗާ އަދި ފޮނުވާ މެސެޖުތައް އަމިއްލައަށް ފޮހެވޭ 'ޑިސަޕިއަރިން މެސެޖް' ފާހަގަކޮށްލެވެއެވެ.

ޔޫޒަރނޭމްގެ ފީޗާއަކީ ވަޓްސްއެޕް ހަމައެކަނި ފޯނު ނަންބަރަށް ބިނާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ސިފަ މިއަށް ގެނައުމަށް މެޓާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު