ވަޓްސްއެޕް ޕްރޮފައިލަށް "ކަވާ ފޮޓޯ" އިތުރުކުރަނީ

ކަވަރ ފޮޓޯ ފީޗާއަކީ މީގެ ކުރިން ހަމައެކަނި ބިޒްނަސް އެކައުންޓްތަކަށް ލިބޭ ފީޗާއެއް ---

ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ ޕްރޮފައިލްގައި "ކަވާ ފޮޓޯ" ބޭނުންކުރެވޭ ގޮތް ހެދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިއީ ފޭސްބުކް އަދި ލިންކްޑްއިން ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް ބޭނުންކުރާ ފަދަ ފީޗާއެކެވެ.

ވަޓްސްއެޕްގެ ފީޗާތައް ދިރާސާކުރާ "ޑަބްލިއުއޭބީޓާ އިންފޯ"އިން ހާމަކޮށްފައިވާ ގޮތުގައި، މި އާ ފީޗާ ފެނިފައިވަނީ އައިއޯއެސް ބީޓާ އަޕްޑޭޓަކުންނެވެ. މި ފީޗާ މިހާރު ހުރީ "ޓެސްޓް ފްލައިޓް" އެޕްލިކޭޝަން މެދުވެރިކޮށް ޓެސްޓު ކުރުމުގެ މަރުހަލާގައެވެ. މީގެ ކުރިން މި ފީޗާ އެންޑްރޮއިޑް ބީޓާ ވާޝަންތަކުގައިވެސް ޓެސްޓު ކުރަމުންދާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

https://sun.mv/215320

މިހާރުވެސް ވަޓްސްއެޕް ބިޒްނަސް އެކައުންޓްތަކުގައި ބޭނުންކުރެވޭ މި ފީޗާ އާންމު ޔޫޒަރުންނަށް ލިބުމުން، ޕްރޮފައިލް ސެޓިންގްސްގައި ކަވާ ފޮޓޯއަކަށް ޚާއްސަ "ބެނާ" އެއް ފެންނަން ހުންނާނެއެވެ. ޕްރޮފައިލް ފޮޓޯގެ މަތީގައި ހުންނަ މި ބެނާއަށް ފޯނުގެ ގެލެރީން ފޮޓޯއެއް ލެވޭނެއެވެ. ނުވަތަ ވަގުތުން ފޮޓޯއެއް ނަގައިގެންވެސް ބޭނުންކުރެވޭނެއެވެ. އަދި ބޭނުން ކޮންމެ ވަގުތަކު މި ފޮޓޯ ބަދަލުކޮށް، ފޮޓޯ ހުންނަ ގޮތް "ރިޕޮޒިޝަން" ކުރެވޭނެއެވެ.

މި ފީޗާގެ އިތުރުން ވަޓްސްއެޕުން ދާދި ފަހުން ވަނީ މެންބަރުންނަށް "ޓެގް" އިތުރުކުރުމާއި، ލިޔާ ބަސްތައް "ސްޓިކާ" އަށް ބަދަލުކޮށްލެވޭ ފީޗާއެއްގެ އިތުރުން، ގްރޫޕް ޗެޓްތަކުގައި ހަދާ "އިވެންޓް"ތަކަށް "ރިމައިންޑާ" ސެޓްކުރެވޭ ފީޗާވެސް ތައާރަފުކޮށްފައެވެ. އައިއޯއެސް ޔޫޒަރުންނަށް މިހާރު ޓެސްޓު ކުރަމުންދާ ކަވާ ފޮޓޯ ފީޗާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ޔޫޒަރުންނަށް ލިބޭނެ ކަމަށް ބެލެވެއެވެ.

ވަޓްސްއެޕަކީ މެޓާ ކުންފުނީގެ ދަށުން ހިންގާ، ދުނިޔޭގެ އެންމެ މަގުބޫލު މެސެޖިން އެޕްލިކޭޝަނެވެ. ފާއިތުވި އަހަރުތަކުގައި ވަޓްސްއެޕުން ވަނީ ހަމައެކަނި މެސެޖު ކުރާ އެޕެއްގެ ބަދަލުގައި، ސޯޝަލް މީޑިއާގެ ސިފަތައް އެކުލެވޭ ގޮތަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ.

މީގެ ކުރިން "ސްޓޭޓަސް" ފީޗާ ތައާރަފުކުރުމާއި، ގްރޫޕްތަކަށް ގެނައި ބަދަލުތަކަކީ ޔޫޒަރުންނަށް އެމީހުންގެ ޕްރޮފައިލް އިތުރަށް ފުރިހަމަކޮށް، އަމިއްލަވަންތަކަން ދެއްކުމަށް ދިން ފުރުސަތުތަކެކެވެ.

"ކަވާ ފޮޓޯ" ގެ ފީޗާއަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން "ވަޓްސްއެޕް ބިޒްނަސް" އެކައުންޓްތަކަށް ޚާއްސަކޮށް ތައާރަފުކުރި ފީޗާއެއް ނަމަވެސް، މިއީ އާންމު ޔޫޒަރުންގެ ޕްރޮފައިލްތަކަށް މި ފީޗާ ގެނައުމަށް މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު