އަންނަ އަހަރު ފެށޭއިރު ވައި ސާފުވާނެ ކަމަށާއި، ޖުމުލަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ވެސް ރަނގަޅުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.
ކުރިއަށް އޮތް ހަތް ދުވަހުގެ މޫސުން ލަފާކޮށް މެޓުން 'ސަން'އަށް މިއަދު ބުނީ، މެދުރާއްޖެތެރެއަށް މާދަމާއާއި ބުދަ ދުވަހު ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ބުރާސްފަތި ދުވަހުން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދެކުނުގެ ރަށްރަށަށް މާދަމާއާއި ބުދަ ދުވަހު ވިއްސާރަކުރި ނަމަވެސް، ބުރާސްފައްޗާއި ހުކުރު ދުވަހު ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ލަފާކުރެއެވެ. އެ އިދާރާއިން ލަފާކުރިގޮތުގައި ހޮނިހިރު ދުވަހުން ހޯމަ ދުވަހަށް ދެކުނުގެ މޫސުން ރަނގަޅުވާނެއެވެ.
ހަމަ އެހެންމެ އުތުރުގެ ކަނޑުތައް މަޑުވާނެ ކަމަށްވެސް މެޓުން ލަފާކުރިއެވެ.
އުތުރަށާއި މެދުރާއްޖެތެރެއަށް އަދިވެސް ވައި ނުސާފު ކަމަށާއި، ނަމަވެސް ކުރިއަށްވުރެ ރަނގަޅު ކަމަށް މެޓުން ބުންޏެވެ.
"ވައި ތަންކޮޅެއް ސާފުވާނެ ކަމަށް ބެލެވެނީ [ޖެނުއަރީ] އެކެއް ހިސާބު، މިހާރަށް ވުރެވެސް ތަންކޮޅެއް ސާފުވާނެ ކަމަށް ބެލެވެނީ،" އޮފިޝަލް ވިދާޅުވިއެވެ.
މި ފަހަކުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް, އާއްމު ސިއްހަތަށް ގެއްލުންވާ ވަރަށް ވައި ވަނީ ނުސާފުވެފައެވެ.
އެހެން އަހަރު ތަކެކޭ އެއްގޮތަށް މި އަހަރުވެސް އާ އަހަރާ ދިމާކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ އަންނަމުންނެވެ. އާ އަހަރު ފާހަގަ ކުރުން ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ވެސް ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެެވެ. އަދި މިއީ ސްކޫލު ބަންދަށް ވުމުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ދަތުރުތައް ކުރަމުންނެވެ.