އެތައް އަހަރެއްވީ، އާސާރީ ތަކެތި ފެންނަ ހުރި ހދ. ކުޅުދުއްފުށި ތަރިޖެހިގެ ހިމާޔަތްކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަރިޖެހިގެ ހިމާޔަތްކުރަން ސިޓީ ކައުންސިލުން ނިންމީ ސަގާފަތާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެއްކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ތަރިޖެހިގެއަކީ އިހުޒަމާނުގައި ދިވެހީންގެ ދިރިއުޅުން ބިނާވެފައި އޮތް ގޮތާއި ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން ދައްކުވައިދޭ ބިނާއެއް ކަމަށް އާތިފު ވިދާޅުވިއެވެ.
މިއަދާ ހިސާބަށް އައިއިރު، ރަށުގެ މުހިންމު ތާރީޚީ ބިނާތައް ނެތި ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މިހާރު ހުރި މުހިންމު ތަންތަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއްކަން އާތިފް ފާހަގަކުރެއްވިއެވެ.

ތަރިޖެހިގޭގެ އެތެރޭގައި އެ ގޭގައި އުޅޭ އަލިބެ --- ފޮޓޯ/ މިހާރު
ތަރިޖެހިގެއަކީ ވަރަށް ޒަމާންވީ އެތައް ތަރިކައެއް ފެންނަ ހުރި ގެއެކެވެ. ދިމާ އެނދާއި ތާރައާއި މަލާފަތް ފަދަ އެއްޗެހި އެ ގެއިން އަދި ވެސް ފެންނަން އެބަހުއްޓެވެ. އަދުގެ ޖީލަށް އެ ތަކެތި ދެއްކުމަކީ މުހިންމު ކަމެއް ކަމަށްވާއިރު، ތަރިޖެހިގެ ހަދާފައި ހުރީ އެންމެ އިހުގައި ގެތައް ހުންނަ ގޮތަށެވެ.
އެތައް އަހަރެއްވީ ތަރިޖެހިގެ ހިމާޔަތް ކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ، ދައުލަތަށް އެ ގެ ނަގަން ނިންމާފައެވެ. އަދި، ގޭގެ ކޮންމެ ވާރުތަވެރިއަކަށް ގޯއްޗެއް ދިނުމަށް ކައުންސިލުން ނިންމާފައިވެއެވެ.
އެ ގޭގައި މިހާރު ދިރިއުޅެނީ އުމުރުން ދުވަސްވީ މީހެއް ކަމަށްވާ އަލީ މުހައްމަދު (އަލިބެ) އެކަންޏެވެ. އެއީ، އޭނާގެ މައިންބަފައިންގެ ގެއެވެ. ފާހަގަކުރެވޭ ގޮތުގައި، ތަރިޖެހިގެއަކީ އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ގެއެކެވެ. އެ ގޭގެ އާސާރީ ތާރީޚުތައް ފޮޓޯ ނަގައި، ވީޑިއޯ ނަގަން އަލިބެ ކައިރިއަށްދާ މީހުން ވެސް މަދެއް ނޫނެވެ.