މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވާނެ ކެނޑިޑޭޓެއްގެ ގޮތުގައި، މިހާރު ވެސް މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމް ހޮވަންޖެހެނީ، އޭނާގެ ނަން އެމްއެމްޕީއާރްސީގެ ބިޔަބޮޑު ކޮރަޕްޝަންގެ ލިސްޓުގައި ނެތުމުން ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) މިރޭ ވިދާޅުވެއްޖެއެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މާލޭ މޭޔަރުކަމުގެ ޕްރައިމަރީގައި ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭން ހަރަކާތެއްގައި މިރޭ ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީ ރޫޅައިލުމުގެ ވިސްނުން ދުވަހަކު ވެސް އާޒިމް ނުގެންގުޅުއްވާ ކަމަށެވެ.
"ދުވަހަކު ވެސް ރޫޅާއެއް ނުލާނެ. ރޫޅާލާ މީހުންނަށް ހިތްވަރެއް ވެސް ނުދެއްވާނެ. އަދި ހަމައެހެންމެ އެ މަނިކުފާނަކީ ލާމަސީލު ނަޒާހަތްތެރި ބޭފުޅެއް،"
ހަމައެއާއެކު އާދަމް އާޒިމަކީ ވަރަށް ނަޒާހަތްތެެރި ބޭފުޅެއް ކަމަށާއި، އޭނާގެ ނަން އެމްއެމްޕީއާރްސީ ޚިޔާނާތުގެ ލިސްޓުގައި ވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
އަދި ކައުންސިލު އޮޑިޓްކުރުން ލަސްވުމުން، އޮޑިޓް އޮފީހަށް އަމިއްލަފުޅަށް ވަޑައިގެން އެކަން އަވަސްކުރައްވަން އެދުމަކީ ވެސް އެކަމުގެ މިސާލެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު އެކެއްގެ ނަންފުޅެއް އެމްއެމްޕީއާރްސީގެ ބިޔަބޮޑު ވައްކަމުގެ ލިސްޓުގައި ނޯންނާނެ. ނޯންނާނެ ވަރަށް ސާފު،" އެއީ އާޒިމް ހޮވަންޖެހޭ ސަބަބެއްކަމަށް ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވިއެވެ.
ޑރ. ޑީޑީ ވިދާޅުވީ ނަޒާހަތްތެރިކަމުގެ ލާމަސީލު މިސާލު ވެސް ފެންނަ، އަދި ހުރި ހަމައެކަނި ޗޮއިސްއަކީ ވެސް އާދަމް އާޒިމް ކަމަށެވެ.
މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ މި މަހު 16ވާ ހުކުރު ދުވަހެވެ. ޕްރައިމަރީގައި ދެން ވާދަކުރައްވަނީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގައި އުޅުއްވައި، ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި މެދުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމެވެ.