އޮޅިގެން އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރެވުނު 28،002 ރުފިޔާ ހޯދައި، ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފިއެވެ.
އައްޑޫ ސިޓީ ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު، މީހެއްގެ ބީއެމްއެލް އެކައުންޓުން އޮޅުމަކުން އެހެން މީހެއްގެ އެކައުންޓަށް ފައިސާތަކެއް ޖަމާކުރެވުނު މައްސަލައެއް އައްޑޫ ސިޓީ، ގަން ޕޮލިހަށް ހުށަހެޅި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ގަން ޕޮލިސް އިންވެސްޓިގޭޝަންއިން ބެންކާއި ގުޅިގެން ކުރި މަސައްކަތުން ފައިސާ އޮޅިގެން ފައިސާ ޓްރާންސްފާވި އެކައުންޓުގެ ވެރިފަރާތް ދެނެގަތް ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާގެ އެކައުންޓަށް އޮޅިގެން ޖަމާކުރެވިފައިވާ ޖުމްލަ 28،002 ރުފިޔާ ހޯދައި، މިދިޔަ އަންގާރަ ދުވަހު އެ ފައިސާ، އޭގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާނެ ކަމަށް އައްޑޫ ސިޓީ ފުލުހުން ބުންޏެވެ.
މީގެ ކުރިން ވެސް އެކި ގޮތް ގޮތުން ގެއްލިފައިވާ ފައިސާ، ފުލުހުން ހޯދާފައި އެބަހުއްޓެވެ.
އެގޮތުން އެންމެ ގިނައިން މީހުންގެ އަތުން ފައިސާ ގެއްލިފައި ވަނީ ސްކޭމްގެ މައްސަލަތަކުގައެވެ. އަދި ވައްކަމުގެ މައްސަލަތަކުގައި ވަގަށް ނަގާ ފައިސާއާއި، ހެކުކޮށްގެން ހޯދާ ފައިސާ ވެސް ފުލުހުން ހޯދާފައިވެއެވެ.