އެމެރިކާގެ މަގުބޫލު ޓެލެވިޒަން ސީރީސް "ގޭމް އޮފް ތްރޯންސް"ގެ ބަތަލާ ސޯފީ ޓާނާއަށް އެންމެ ކަމުދާ ބޮލީވުޑް ތަރިންނަކީ ޝާހްރުކް ޚާން އާއި ދީޕިކާ ޕަދުކޯން ކަމަށް ބަތަލާ ބުނެފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ފަސްޓްޕޯސްޓްއަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ސޯފީ ބުނީ ބޮލީވުޑަކީ އޭނާއަށް އަބަދުވެސް ވަރަށް ކަމުދާ އިންޑަސްޓްރީއެއް ކަމަށެވެ. ބޮލީވުޑްގެ ފިލްމީ ތަރިންގެ ތެރެއިން އެންމެ ކަމުދާ އެކްޓަރުންނާ ގުޅޭގޮތުން ފަސްޓްޕޯސްޓްއިން ސުވާލު ކުރުމުން ސޯފީ ބުނީ އެއީ ޖަވާބުދޭން ވަރަށް އުނދަގޫ ސުވާލެއް ކަމަށެވެ.
ޝާހްރުކް ޚާން އަކީ ބޮލީވުޑްގެ "ގޯޓް" ކަމަށާއި ނަމަވެސް ދީޕިކާ ދެކެ ސޯފީ ވަރަށް ލޯބިވާ ކަމަށް ވަނީ ބުނެފައެވެ. ދީޕިކާ އަކީ ވަރަށް ހުނަރުވެރި ފިލްމީ ތަރިއެއް ކަމަށާއި ސޯފީ ވަރަށް ފަހުން ދެކުނު އިންޑިއާގެ ފިލްމު "އާރްއާރްއާރް" ބެލި ކަމަށް ވެސް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.
އެ ފިލްމުގެ "ނާޗޯ" ލަވައިގެ ނެށުން އޭނާއަށް ވަރަށް ކަމުދިޔަ ކަމަށާއި ބޮލީވުޑްގެ ފިލްމުތަކުން ފެންނަ ގޮތަށް ނަށަން ވަރަށް ޝައުގުވެރިވާ ކަމަށް ސޯފީ ވަނީ ބުނެފައެވެ.

ސޯފީ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ހުޅަނގުގެ އިންޑަސްޓްރީތަކާ ހާސްބައި ތަފާތު ކަމަށާއި ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ކުރަން ވަރަށް ބޭނުންވާ ކަމަށް، 29 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.
ސޯފީ އެންމެފަހުން އިންޑިއާއަށް ޒިޔާރަތްކޮށްފައި ވަނީ 2018 ވަނަ އަހަރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ހަރަކާތްތަކުގައި ބައިވެރިވުމަށެވެ. އޭރު ސޯފީ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ނިކް ޖޯނަސްގެ ކޮއްކޮ، މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ ޖޯ ޖޯނަސްއާއެވެ.
ސޯފީ އާއި ޖޯ 2019 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު މިދިޔަ އަހަރު ވަނީ ދެ މީހުންގެ ކައިވެނި ރޫޅާލިކަން އިއުލާނުކޮށްފައެވެ.
"ގޭމް އޮފް ތްރޯންސް"ގެ 'ސަންސާ ސްޓާކް'ގެ ކެރެކްޓާއިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ، މި މަހުގެ 21ގައި ޕްރައިމް ވީޑިއޯއިން ގެނެސްދޭ ހައިސްޓް ތުރިލާ "ސްޓީލް"އިންނެވެ.