މީގެ އަހަރެއްހާ ދުވަސް ކުރިން މަސައްކަތް ފަށާފައިވާ, ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"އަކީ ބަތަލާ އާލިއާ ބަޓްއަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށް ބަތަލާ ބުނެފިއެވެ.
އެ ފިލްމަކީ އާލިއާގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމު ކަމަށްވާ "ގަންގޫބާއި ކަތިއާވާޅީ"އަށްފަހު ސަންޖޭއާ އެކު ބަތަލާ މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. އާލިއާއަށް "ލަވް އެންޑް ވޯ" ޚާއްސަވާ އެއް ސަބަބަކީ އެއީ ކަމަށް ވެސް އިކޮނޮމިކް ޓައިމްސްއަށް ދިން އިންޓަވިއުގައި ބަތަލާ ވަނީ ބުނެފައެވެ.
އާލިއާގެ ފިރިމީހާ އެކްޓަރު ރަންބީރު ކަޕޫރުގެ އިތުރުން އެކްޓަރު ވިކީ ކޯޝަލް ވެސް މުހިއްމު ރޯލަކުން ފެންނާނެ "ލަވް އެންޑް ވޯ"އަކީ ފިލްމުގެ ކާސްޓުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ފިލްމެއް ކަމަށް ވެސް އާލިއާ ވަނީ ބުނެފައެވެ.
ފިލްމު "ލަވް އެންޑް ވޯ"އާ ގުޅޭގޮތުން އާލިއާ ވާހަކަ ދައްކާފައި މިވަނީ އެ ފިލްމު ރިލީޒްކުރުން އެކި ފަހަރުމަތިން ފަސްކުރެވިފައިވާ ކަމަށް މީޑިއާތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފިލްމު "ލަވް އެންޑް ވޯ"ގެ ސެޓުގައި ބަތަލާ އާލިއާ ބަޓް--ފޮޓޯ/ޒޫމް
ފިލްމުގެ މަސައްކަތް ކުރާތާ އަހަރެއްވެފައި ވާއިރު އެކްޓަރުންނަށް ވަރުބަލިކަން އިހުސާސް ކުރެވުނަސް ފިލްމުގެ ކޮންމެ މަންޒަރެއް ނިންމުމަށްފަހު އަނެއްކާވެސް ބޭނުންވަނީ އެ މަންޒަރު އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް އާލިއާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެތެރޭ ހިމެނޭ ސަންޖޭ ލީލާ ބަންސާލީއާ އެކު މަސައްކަތް ކުރުމަކީ ކެރިއަރުގައި ކުރެވޭ އެންމެ މުހިއްމު ތަޖުރިބާ ކަމަށާއި ސަންޖޭގެ ކޮންމެ ފިލްމެއްގެ މަންޒަރަކީ ވެސް ސަންޖޭގެ ޖާދޫގައި ބެލުންތެރިން ޖައްސާހާ ހިތްގައިމު މޮޅު މަންޒަރުތައް ކަމަށް އާލިއާ ވަނީ ބުނެފައެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން މި އަހަރުގެ މެއި މަހުގެ ނިޔަލަށް އާލިއާގެ ދެމަފިރިންގެ އިތުރުން ވިކީ ވެސް އިތުރު އެއްވެސް ފިލްމެއްގައި މަސައްކަތް ނުކޮށް އެ ތަރިންގެ ވަގުތު ހުސްކޮށްފައި ވަނީ "ލަވް އެންޑް ވޯ"ގެ މަސައްކަތަށެވެ. ބެލެވޭ ގޮތުގައި މި ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހުތެރޭގައެވެ.
ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ސަންޖޭ އުފައްދާ މި ފިލްމުގެ ޕްލޮޓާ ބެހޭ މައުލޫމާތު މިހާތަނަށް އޮތީ ސިއްރުކޮށްފައެވެ. މި ފިލްމުގެ ސެޓުގެ ބައެއް މަންޒަރުތަކުގެ ފޮޓޯތައް ލީކުވެ ސޯޝަލް މީޑިއާގައި ވެސް ވަނީ ދައުރުވެފައެވެ.