އެކްތާ އަލަށް އުފައްދާ ފިލްމުގެ ލީޑް ރޯލަށް ހަރްޝްވަރުދަން

ފިލްމު ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަދި އެކްޓަރު ހަރްޝްވަރުދަން ރާނޭ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަލަށް އުފައްދާ މެގަ ޕްރޮޖެކްޓްގެ ލީޑް ރޯލަށް އެކްޓަރު ހަރްޝްވަރުދަން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ އެކި ޚަބަރުތަކުން ބުނެފައިވާ ގޮތުގައި މި ފިލްމު ޕްރޮޖެކްޓްގެ ނަމަކީ "ޝޫޓްއައުޓް އިން ދުބާއީ"އެވެ. ހަރްޝް ފިލްމަށް ސޮއިކުރިކަން އެކްޓަރުގެ ފަރާތުން އަދި އެކްތާގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައި ނެތް ނަމަވެސް މިއީ ހަރްޝް މަސައްކަތްކުރާ ފުރަތަމަ އިންޓަނޭޝަނަލް ޕްރޮޖެކްޓް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިޑް-ޑޭގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި "ޝޫޓްއައުޓް އިން ދުބާއީ" އަކީ މުމްބާއީއަށް ނިސްބަތްވާ އަންޑަވޯލްޑްގެ ގޭންގަކުން ދުބާއީގެ ހަބަކާ ގުޅިގެން ހިންގާ ފިކްޝަނަލް ކްރައިމް ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފްރެންޗައިސްއެކެވެ.

ހަރްޝްގެ ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ މަންޒަރެއް--ފޮޓޯ/ފިލްމުފެއަ

ފިލްމު ޕްރޮޑިއުސަރު ސަންޖޭ ގުޕްތާ އާއި އެކްތާ ގުޅިގެން އުފައްދަން ނިންމާފައިވާ މި ޕްރޮޖެކްޓަކީ ސަންޖޭގެ މަޝްހޫރު "ޝޫޓްއައުޓް" ފިލްމްސްގެ ދަށުން ގެނެސްދޭ ޕްރޮޖެކްޓެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

"ޝޫޓްއައުޓް"ގެ ފްރެންޗައިސް ފިލްމުތައް އެންމެ ފުރަތަމަ ގެނެސްދޭން ފެށީ 2007 ވަނަ އަހަރު ރިލީޒްކުރި "ޝޫޓްއައުޓް އެޓް ލޯކަންޑޭވާލާ" ފިލްމުންނެވެ. އޭގެފަހުން 2013 ވަނަ އަހަރު "ޝޫޓްއައުޓް އެޓް ވަޑާލާ" ރިލީޒްކުރިއިރު އަލަށް އުފައްދާ "ޝޫޓްއައުޓް އިން ދުބާއީ" އަކީ 2021 ވަނަ އަހަރުން ފެށިގެން އޭގެ ސްކްރިޕްޓް އެކުލަވާލުމުގެ މަސައްކަތް ފެށިފައިވާ ޕްރޮޖެކްޓެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މިހާތަނަށް ލޯބީގެ ފިލްމުތައް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ހަރްޝްވަރުދަން އެކްޝަން ފިލްމަކުން ބަލާލުމުގެ އިންތިޒާރުގައި ތިބި ބެލުންތެރިންނަށް މިއީ ވަރަށް އުފާވެރި ޚަބަރެއް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ހަރްޝްވަރުދަން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"އިންނެވެ.

comment ކޮމެންޓް