އުމްރާގެ އަޅުކަމުގައި އުޅުއްވަނިކޮށް، ޚިދުމަތްތެރިޔާ ވައިކަރަދޫ ރަޝީދު ނިޔާވެއްޖެ

އުމްރާގެ އަޅުކަމުގައި ސައުދީގައި އުޅުއްވަނިކޮށް، ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ, އިބްރާހިމް ރަޝީދު (ވައިކަރަދޫ ރަޝީދު) އިއްޔެ ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ދިވެހި ދެ އުމްރާވެރިން މަރުވެފައިވާ ކަމަށެވެ. އެއީ، ސަފާއި ހިޖްރާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ދެ ފިރިހެނުން ކަމަށާއި ޖަނާޒާގެ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށް ހެނދުނު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް، އެއްވެސް މީހެއްގެ ވަނަވަރު ހާމައެއް ނުކުރެއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި، 'އޭގެތެރެއިން، އެއް ބޭފުޅަކީ، ވައިކަރަދޫއަށް އުފަން ރަޝީދެވެ. އޭނާ ނިޔާވީ، އުމްރާގެ އަޅުކަމުގައި ސައުދީގައި އުޅުއްވަނިކޮށެވެ.

ވައިކަރަދުއަށް އުފަން، ރަޝީދު ވަނީ، ދައުލަތަށް 36 އަހަރަކަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. މިގޮތުން، އޮޑިޓު އޮފީހާއި ފިނޭންސް މިނިސްޓްރީއާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ވަނީ ޚިދުމަތް ކޮށްދެއްވާފައެވެ.

އުމުރުން 65 އަހަރުގައި ސަރުކާރުގެ ވަޒީފާއިން, ރަޝީދު ރިޓަޔާކުރެއްވިއިރު، ރާއްޖޭގެ އޮޑިޓާއި މާލީ ދާއިރާއަށް އޭނާ ވަނީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.

ލިޔުންތެރިކަމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ރަޝީދު ވަނީ، ކުރިން އެކި ނޫސްތަކަށް ލިޔުއްވާފައެވެ. ފޮތް ވެސް ލިޔުއްވާ ރަޝީދު ނިޔާވިއިރު، ދެ ފޮތެއް އޮތީ ޗާޕު ކުރަން ނިންމާފައެވެ.

comment ކޮމެންޓް