ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެ ދިވެހި ޒުވާނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ, އެ މީހުން ހައްޔަރުކޮށްފައިވަނީ ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަަށެވެ.
މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފެނުނު މަސްތުވާތަކެތީގެ ތަފުސީލެއް އަދި ފުލުހުން ނުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި / ވަލުތެރޭގެ، މުޙައްމަދު އީވާން ޙާމިދު, 23, އާއި ހ. ސަކީނާމަންޒިލް / މާލެ، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު, 31, އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އޭގެ ތެރެއިން ރާޢިދު ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ވަރަށް ބޮޑަށް ނަފުސާނީ މައްސަލަ ހުންނަ މީހެއް ކަމަށާއި މީގެ ކުރިން ވެސް އޭނާ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ކުށް ކުރުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭނާގެ ބަލި ހާލަތަށް ބަލައިފައި ގޭބަންދަށް ނަމަވެސް ބަދަލު ކޮށްދިނުމަށް ރާޢިދު ކޯޓުގައި އެދިފައިވެއެވެ.
ނަމަވެސް، ކޯޓުން ލުޔެއް ދީފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.