'އެމްޓީވީ ސްޕްލިޓްސްވިލާ 13' ކާމިޔާބުކުރި ޖެއި ދުދާނޭ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި

"އެމްޓީވީ ސްޕްލިޓްސް ވިލާ"ގެ 13 ވަނަ ސީޒަން ކާމިޔާބުކުރި ޖެއި ދުދާނޭ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އެމްޓީވީ އިންޑިއާއިން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯ "އެމްޓީވީ ސްޕްލިޓްސް ވިލާ"ގެ 13 ވަނަ ސީޒަން ކާމިޔާބުކުރި ޖެއި ދުދާނޭ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މަޝްހޫރު އެތުލީޓެއްގެ އިތުރުން ފިޓްނަސް ދާއިރާގައި އިންސްޓަރަކްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޖެއި ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި މުމްބާއީގެ އެއާޕޯޓުންނެވެ.

އިންޑިއާގެ މުމްބާއި ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޖެއި ހައްޔަރުކޮށްފައި ވަނީ 4.61 ކްރޯޑު ރުޕީސްގެ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެންނެވެ. ޖެއިއާ ދެކޮޅަށް މުމްބާއީ ފުލުހަށް މައްސަލަ ހުށަހަޅާފައި ވަނީ ރިޓަޔަ ވެފައިވާ އިންޑިއާގެ އިންޖިނިއަރެކެވެ.

އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި ޖެއި ވަނީ އޭނާގެ އާއިލާގެ އިތުރު ހަތަރު މެމްބަރަކާ ގުޅިގެން ރިޓަޔަ ވެފައިވާ އިންޖިނިއަރަށް ވިޔަފާރި ހިންގާ ފަސް ފިހާރަ ހުރި އިމާރާތްތަކެއް ވިއްކާލާފައެވެ.

ނަމަވެސް އެ އިމާރާތްތަކަކީ އިންޑިއާގެ މަހާރަޝްތުރާގެ ސިޓީއެއް ކަމަށްވާ ތާނޭގެ ބޭންކުން މާކުރިން މޯގޭޖްކޮށްފައިވާ އިމާރާތްތަކެއް ކަން ފަހުނު އެނގުނު ކަމަށް ޖެއިއާ ދެކޮޅަށް ފުލުހަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

ޖެއި އޭނާގެ އަނބިމީހާ ހަރްޝާލާ ޕަޓިލްއާ އެކު--ފޮޓޯ/ޕިންކްވިލާ

ޖެއި އާއި އާއިލާގެ މެމްބަރުން އެ އިމާރާތްތައް ވިއްކާލާފައި ވަނީ ބޭންކުގެ ލިޔުންތައް ކަމަށް ބުނެ މުޅިން ދޮގު ލިޔުންތަކެއް ހުށަހެޅުމަށްފަހު ކަމަށް މުމްބާއީގެ ސީނިއާ ފުލުސް އޮފިސަރު ޕްރަވީން މާނޭ ވަނީ މީޑިއާގައި ވިދާޅުވެފައެވެ.

މުމްބާއީ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން އެކަން ފަޅާ އެރީ އެ އިމާރާތްތައް ބޭންކުގެ ބެލުމުގެ ދަށުގައިވާ ކަމަށް ބުނެ ނޯޓިސް ނެރުމުންނެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި ޖެއިއާ އެކު އޭނާގެ އާއިލާގެ ހަތަރު މެމްބަރުން ވެސް ފުލުހުން ވަނީ ފަހުން ހައްޔަރުކޮށްފައެވެ. މޮޑެލިންގް ދާއިރާއިން ބޮޑު މަޝްހޫރުކަމެއް ހޯދުމަށްފަހު ފަހުން ފިލްމު އިންޑަސްޓްރީއަށް ވެސް ތައާރަފްވެފައިވާ ޖެއި ދުދާނޭ ވަނީ "ބިގް ބޮސް މަރާޓީ ސީޒަން 3"ގައި ވެސް ބައިވެރިވެފައެވެ.

ޖެއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭނާ ވަނީ މިދިޔަ މަހުގެ 24ގައި ސޯޝަލް މީޑިއާ ޕާސަނަލިޓީ ހަރްޝާލާ ޕަޓިލްއާ ކައިވެނިކޮށްފައެވެ.

comment ކޮމެންޓް