އުމްރާއަށް ދިޔަ މީހަކު ހާލު ދެރަވެގެން މާލެ ގެންނަނީ

ދިވެހީން، އުމްރާ ދަތުރެއްގައި: އުމްރާއަށް ދިޔަ މީހަކު ހާލު ދެރަވެގެން މާލެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ސްކޫލު ބޮޑު ޗުއްޓީގައި އުމްރާގެ އަޅުކަން އަދާކުރަން ދިޔަ މީހުންގެ ތެރެއިން އެނދުމަތިކޮށްފައިވާ ބަލި މީހަކު ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.

މި ބަންދުގައި 7،500އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް މައްކާގެ މަތިވެރި ބިމަށް ވަނީ ގޮސްފައެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ޝަހީމް ވިދާޅުވީ އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެ ބަލިމީހާ މި މަހުގެ 10 ގައި މާލެ ގެނެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެކަމުގައި ގައުމީ އެއާލައިން މޯލްޑިވިއަނާއި ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗުގެ އެއްބާރުލުން ލިބެމުން އަންނަކަން ޝަހީމް ފާހަގަކުރެއްވިއެވެ.

އޭނާގެ މެސެޖުގައި ވަނީ އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ދިވެހީންގެ ހާލު ޖުމުލަކޮށް ރަނގަޅު ކަމަށެވެ.

https://sun.mv/215837

އަހަރުގެ އެކި ދުވަސްވަރު އުމްރާއަށް ދިއުމަކީ މިހާރު ދިވެހީންގެ މެދުގައި އާއްމު ކަމެކެވެ. ބައެއް އާއިލާތައް އެކުގައި އުމްރާއަށް ގޮސް ހަދައެވެ. ގިނަ ޖަމާއަތްތަކެއް އެ ޚިދުމަތް ދެމުންދާއިރު ގިނަ ބަޔަކު ދަނީ ޖަމާއަތްތަކަށް ފައިސާ ދައްކައިގެންނެވެ.

މީގެ ކުރިން ހަމައެކަނި ޖަމާއަތެއްގެ އެހީތެރިކަމުގައި އުމްރާއަށް ދެވުނު ނަމަވެސް މިހާރު އަމިއްލައަށް ވެސް އެ އަޅުކަމަށް ދެވެއެވެ. އެހެންވެ އެގޮތަށް ވެސް އުމްރާއަށް ދިއުމަކީ މިހާރު އާއްމު ކަމެކެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޝަހީމް އާންމުކުރެއްވި މައުލޫމާތުގައިވާ ގޮތުން، މި ބަންދުގައި 7،726 މީހުން އުމްރާގެ އަޅުކަން އަދާކުރާނެއެވެ.

comment ކޮމެންޓް