ކޯޕަންހޭގަން (6 ޖަނަވަރީ 2026): އެމެރިކާއިން ގްރީންލެންޑް އަތްދަށުލުމަށްޓަކައި ބާރުގެ ބޭނުންކޮށްފިނަމަ އެއީ ނޭޓޯގެ ގައުމަކަށް އެމެރިކާ ހަމަލާ ދިނުން ކަމަށާއި އެ ހިސާބުން ނޭޓޯ ނޯންނާނެ ކަމަށާއި ނޭޓޯގެ ކަންތައް ނިމުމަކަށް އަންނާނެކަމުގެ އިންޒާރު ޑެންމާކުން އެމެރިކާއަށް ދީފިއެވެ.
ޑެންމާކުގެ ޓިވީ ސްޓޭޝަނަކަށް ދެއްވި ބަސްދީގަތުމެއްގައި އެ ގައުމުގެ ބޮޑުވަޒީރު މިޓީ ފްރެޑްރިކްސަން ވިދާޅުވީ ދުނިޔޭގެ އަމަނާ ބެހޭ ހާލަތު ވަރަށް ގޯސް ކަމަށާއި ބައިނަލްއަގުވާމީ އަމަނާއި ސުލްހަ ވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމުގައެވެ.
ފްރެޑްރިކްސަން ވިދާޅުވި ގޮތުގައި އެމެރިކާއިން ގްރީންލެންޑް އަތްދަށުލުމަށްޓަކައި ބާރުގެ ބޭނުންކުރުމަކީ އެމެރިކާ އިސްވެ ނޭޓޯގެ ގައުމަކަށް ހަމަލާދިނުމެވެ. އެ ހާލަތުގައި ނޭޓޯ ރޫޅޭނެއެވެ. އޭރުން ބައިނަލްއަގްވާމީ އަމަނާއި ސުލްހަ އާ ބެހޭގޮތުން ދެން ދައްކާނެ ވާހަކައެއް ނޯންނާނެކަމަށްވެސް ފްރެޑްރިކްސަން ވިދާޅުވިއެވެ.
އދ.ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖެހުމަށްފަހު އެމެރިކާއިން ވެނެޒުއެލާއަށް އަރައިގަނެ އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ވަގަށް ނެގުމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާ އިސްވެ އޮވެގެން އުފެއްދި ބައިނަލްއަގްވާމީ ނިޒާމު ރޫޅާލުންކަމަށް މުހައްލިލުން ވަނީ ސިފަކޮށްފައެވެ.
ވައިޓް ހައުސްއިން އިއްޔެވަނީ ޑެންމާކުގެ ސަރަހައްދެއްކަމަށްވާ ގްރީންލެންޑްގެ ޗާޓްގައި އެމެރިކާގެ ދިދައިގެ ފޮޓޯ ޖަހައި ޝާއިއުކޮށްފައެވެ. މިކަމުގެ ސަބަބުން އެމެރިކާ ގްރީންލެންޑް ހިފާފާނެކަމުގެ ބިރު ޔޫރަޕްގައި ވަރަށް ބޮޑުވެފައެވެ.
ނޭޓޯއަކީ މިހާރުވެސް ފާޑަކަށް ބައިބައިވެފައިވާ ޖަމާއަތެކެވެ. ސަބަބަކީ ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ގައުމަކަށް ރަޝިއާގެ ހަމަލާތަކެއް އެރިކަމަށް ވިޔަސް އެގައުމުގެ ދިފާއުގައި އެމެރިކާ ނުތެދުވާނެކަން އެމެރިކާގެ މަސްއޫލުވެރިންގެ ވާހަކަތަކުން ހާމަވާތީއެވެ.
އަދި ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް ރަޝިއާއަށް ދޫކޮށްލުމަށާ ނޭޓޯގެ މެންބަރަކަށް ވުމުގެ ހައްގު ދޫކޮށްލަން އެމެރިކާ ޔުކްރެއިންއަށް ބާރުއަޅަމުން ގެންދާތީއެވެ.
އަނެއްކޮޅުން އެމެރިކާ ގެންދަނީ ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ގައުމުތައް ނޭދޭ ސުލްހައެއް ރަޝިއާ އާ ގާއިމް ކުރަމުންނެވެ. އަދި ޔޫރަޕްގެ ގައުމުތަކުގެ ޖީޑީޕީގެ ފަސް އިންސައްތަ ނޭޓޯގެ ކަންކަމަށް ޚަރަދުކުރަން އެމެރިކާ ޔޫރަޕްގެ ގައުމުތަކަށް ބާރުއަޅަމުން ދިޔުމަކީވެސް ޔޫރަޕްގެ ކަންބޮޑުވުމެކެވެ.
މީގެއިތުރުން އެމެރިކާ ގެންދަނީ ތާއަބަދު އެމެރިކާއަށް ޔޫރަޕްގެ ގައުމުތައް ހިމާޔަތް ކޮށްނުދެވޭނެކަމަށް ބުނެ ޔުރަޕް ދިފާއުކުރަން އެމެރިކާ ކުރާ މަސައްކަތަށް ބޮޑު އަގެއް ދައްކަން ޔޫރަޕްގެ ގައުމުތަކަށް ބާރުއަޅަމުންނެވެ. ޑެންމާކްއަކީ ނޭޓޯގެ މެންބަރު ގައުމެކެވެ.