ސިރަޕް ފުޅިތަކުގައި ޑުރަގު: "އޭގައި ހުރި އެއްޗެއް ނޭނގޭ، ފޮށިގަނޑު ބަލައި ދިޔައީ މުދާ ކްލިއާ ކުރާތީ"

ޗޮކްލެޓު ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެއަށް, ހަޝިޝް އޮއިލް އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހަކު, އޭނާ އެ އެއްޗެއްސާ ހަވާލުވިއިރު އޭގައި ހުރީ މަސްތުވާތަކެތިކަން ނޭނގޭ ކަމަށް ކްރިމިނަލް ކޯޓުގައި އިއްޔެ ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ހއ. ހޯރަފުށީ، ޢާފިޔާ، އަހުމަދު އަލީ (47އ)އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުޙައްމަދު އާދިލް (57އ)އެވެ.

އޭގެ ތެރެއިން އަހުމަދު އަލީއަށް ފުރަތަމަ ޖެހި ބަންދުގެ މުއްދަތު ހަމަ ވެގެން އިއްޔެ ވަނީ އިތުރު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައެވެ.

https://www.sun.mv/215858

ކޯޓު އަމުރުން އެނގޭގޮތުގައި ފުލުހުން ބުނާގޮތުގައި އަހުމަދު އަލީއަކީ މި މައްސަލައިގައި އަމަލީގޮތުން ޝާމިލް ވެފައިވާ މީހެކެވެ. އެގޮތުން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފޮށިގަނޑު ބަލައި ދިޔައީ އޭނާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

މި ކަމަކީ ރާވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

އަހުމަދު އަލީ ކޯޓުގައި ބުނެފައިވަނީ ބަލައި ދިޔައިރު އެ ފޮށިގަނޑުގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި، އޭނާއަކީ މުދާ ކުލިއާ ކުރުމުގެ މަސައްކަތްކުރާ މީހެއް ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ, މުޙައްމަދު އާދިލްގެ ބަންދުގެ މުއްދަތު ހަމަވާނީ މިއަދަށެވެ.

ތިރީސް މިލިއަން ރުފިޔާއަށް އަގު އަރާ، ޗޮކްލެޓް ސިރަޕް ފުޅިތަކެއް ކަސްޓަމްސްއިން އަތުލައިގަތީ، އެ ފުޅިތައް ބަލައި ފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވުމުން ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަނުގައި، ފުޅިތަކުގެ ތެރޭ ހުރި ތަކެތި ޓެސްޓުކޮށް އެއީ ކޮން އެއްޗެއްތޯ ވަނީ ބަލައިފައެވެ. މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން ޕޮޒިޓިވްވެފައިވަނީ ހަޝިޝް އޮއިލަށެވެ.

https://www.sun.mv/215970

ޖުމުލަ އަތެރެކުރި ހަޝިޝް އޮއިލްގެ ބަރުދަން 40 ކިލޯއަށް އަރާކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ކޮންމެ ފުޅިއެއްގައި 1.10 އާއި 1.14 މިލިލީޓަރާ ދެމެދުގެ މިންވަރަށް ހަޝިޝް އޮއިލް އެތެރެކޮށްފައިވާކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

ހަޝިޝް އޮއިލްއަކީ ކެނެބިސްގެ ބާވަތެއް ކަމަށްވާއިރު، ކެެނެބިސްއަކީ، ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ޖަދުވަލު އެކެއްގައި ހިމެނޭ ބާވަތުގެ މަސްތުވާއެއްޗެކެވެ. ކެނެބިސްގެ 350 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ލިބޭނެއެވެ.

comment ކޮމެންޓް