ޓީވީ ތަރިން ކަމަށްވާ ޖެއި އާއި މާހީގެ ކައިވެނި ރޫޅާލިކަން ރަސްމީކޮށް އިއުލާނުކޮށްފި

ޓެލެވިޒަން ތަރިން ކަމަށްވާ ޖެއި އަދި މާހީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މަގުބޫލު ޓެލެވިޒަން ތަރިން ކަމަށްވާ ޖެއި ބަނޫޝާލީ އާއި މާހީ ވިޖްގެ 14 އަހަރުވީ ކައިވެނި ރޫޅާލިކަން އިއުލާނުކޮށްފިއެވެ.

ޖެއި އާއި މާހީ ގުޅިގެން އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކުރިމަގުގައި ދެ މީހުންގެ ދިރިއުޅުން އެއް މިސްރާބަކަށް ނެތް ނަމަވެސް އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވުމުގައި ދެމިތިބޭނެ ކަމަށެވެ.

ހަމައެއާއެކު އެކަކު އަނެކަކުގެ ކުރިއެރުމަށް އެދޭކަމަށާއި ދެ މީހުން ވެސް ދިރިއުޅުމުގައި އެންމެ އިސްކަންދޭ އެއް ކަމަކީ އެކަކު އަނެކަކަށް އަޅާލުމާއި އިންސާނިއްޔަތުކަން ދިނުން ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

މާހީ އާއި ޖެއިގެ ކައިވެންޏަށް ތިން ކުދިން ލިބިފައިވާއިރު އޭގެތެރެއިން ދެ ކުދިންނަކީ ޔަތީމު ޚާނާއަކުން އެޑޮޕްޓްކޮށްފައިވާ ދެ ކުދިންނެވެ. ޖެއި އާއި މާހީ ވަކިވިކަމުގައިވީ ނަމަވެސް ކުދިންގެ ކަންކަމުގައި އަބަދުވެސް ދެ މީހުން އެކީގައި މަސައްކަތްކުރާނެ ކަމަށާއި ދެމަފިރިންގެ ކައިވެންޏަށް ނިމުން ގެނައުމާ ގުޅިގެން ހަގީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް މީޑިއާގައި ޖެއި އާއި މާހީ ވަނީ އެދިފައެވެ.

ޖެއި އަދި މާހީ ތިން ކުދިންނާ އެކު--ފޮޓޯ/ފިލްމުފެއަ

އެ ދެމަފިރިންގެ ދިރިއުޅުމުގެ ވާހަކައަށް ނިމުން ގެނައިއިރު އެ ވާހަކައިގައި 'ވިލެން'އެއް ނެތް ކަމަށާއި އެކަން މީޑިއާތަކުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށް ވެސް ދެ ތަރިންގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ޖެއި އާއި މާހީގެ ކައިވެނި ކުރެވުނީ ވަރަށް ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2011 ވަނަ އަހަރުއެވެ. މި ދެމަފިރިންނަކީ ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ޓެލެވިޒަން ޖޯޑެކެވެ.

ދެ މީހުން އެކީގައި 2013 ވަނަ އަހަރު ސްޓާޕްލަސްއިން ގެނެސްދިން "ނަޗް ބަލިޔޭ 5"ގައި ބައިވެރިވިއިރު އެ ޝޯގެ ޓްރޮފީ ވެސް ވަނީ ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް