ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުން ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިސްލާހަށް އާންމުންނާއި ކަމާބެހޭ އިދާރާތަކުން ޚިޔާލު ހުށަހަޅަން 24 ގަޑިއިރަށް ވުރެ ކުރު މުއްދަތެއްދީ، މާދަމާ އިރުއޮއްސި 6:00އަށް ބިލު ދިރާސާކޮށް ނިންމާލަން ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް އިއްޔެ ހުށަހެޅުއްވި މި އިސްލާހުގައި ވަނީ ޖުވާއަކީ ކޮބައިކަމާއި ޖުވާގެ ގޮތުގައި ނުހިމެނޭ ކަންކަންވެސް ހިމަނައިފައެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ބަލައިގަނެ ޖުޑީޝަރީ ކޮމިޓީއަށް ދިރާސާކުރަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީން ނިންމީ މާދަމާ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ބިލު ދިރާސާކޮށް ނިންމާލުމަށާއި، އާންމުންނާއި ކަމާބެހޭ އިދާރާތަކުގެ ޚިޔާލު މާދަމާ މެންދުރުފަހު ދޭއް ޖެހުމުގެ ކުރިން ހޯދުމަށެވެ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް ހުށަހެޅުއްވި އެ ހުށަހެޅުންތަކަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.
މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދާއި ހަމަ އެ ޕާޓީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް ވަނީ، ބިލު ދިރާސާކުރުމަށް އިތުރު ވަގުތު ދޭން އެދިވަޑައިގެންފައެވެ. އެ ދެ މެންބަރުންގެ ތެރެއިން ޒިޔާދު ފާހަގަކުރެއްވި ގޮތުގައި ޤާނޫނުލްޢުޤޫބާތު އިސްލާހުކުރާއިރު، އިލްމީ ނަޒަރަކުން ބަލައި ކަންކަން ދިރާސާކުރަން ޖެހެއެވެ.
މަމްދޫޙް ހުށަހެޅުއްވި ހުށަހެޅުންތައް ކޮމިޓީން ފާސްކުރިއިރު، ޒިޔާދުވެސް އަމީންވެސް ވޯޓުދެއްވީ އެ ހުށަހެޅުންތައް ފާސްކުރުމާ ދެކޮޅަށެވެ.
ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި އޮންލައިންކޮށް ހިންގާ ޖުވާ ކުޅުމުގެ ވިޔަފާރި ވެސް ވަނީ ހިމަނައިފައެވެ.
ޖުވާ ކުޅުމުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްތައް ފަށްޓަވައިފައިވާ ކަމަށާއި، އެގޮތުން ޤާނޫނުލްޢުޤޫބާތު އިސްލާޙުކުރަން ސަރުކާރުން ބިލެއް ހުށަހެޅިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ.
ރާއްޖޭގައި ޖުވާކުޅުން، ޚާއްސަކޮށް އޮންލައިންކޮށް ގޭމްތަކުންނާއި އެހެނިހެން ގޮތްގޮތުން ޖުވާ ކުޅުން އިތުރުވެފައިވާތީ ފަަހަކަށް އައިސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އޭގެ ސަބަބުން މާލީ ގެއްލުންތައް ލިބެމުން ދިޔަ ނަމަވެސް މިހާތަނަށް ޖުވާ ކުޅުމަށް ގާނޫނުލްއުގޫބާތުގައި އަދަބެއް ކަނޑައަޅައިފައިނުވެއެވެ.
ޖުވާ ކުޅުން ހުއްޓުވުމަށް ޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި، ބެޓްކުރަން ބޭނުންކުރާ ސައިޓުތަކެއް ބްލޮކުކޮށްފައިވެއެވެ.