އިންޑިއާގެ އެންމެ ތަޖުރިބާކާރު އެކްޓަރުންގެތެރޭ ހިމެނޭ އަނިލް ކަޕޫރުގެ ކެރިއަރުގެ އެންމެ މަގުބޫލު އެއް ފިލްމު ކަމަށްވާ "ނަޔަކް"ގެ ކޮޕީރައިޓްސް ގަނެ އެ ފިލްމުގެ ސީކުއަލްއެއް އުފައްދަން ޝައުގުވެރިކަން އެބަހުރި ކަމަށް އެކްޓަރު ބުނެފިއެވެ.
މީގެ 27 އަހަރު ކުރިން ޑައިރެކްޓަރު އެސް ޝަންކަރު ގެނެސްދިން ކާމިޔާބު ފިލްމު "ނަޔަކް"އަކީ ބެލުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހޯދި ސިޔާސީ ކޯޅުންގަނޑެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
މިހާތަނަށް އެ ފިލްމުގެ ކޮޕީރައިޓްސް އޮތީ "ސަނަމް ތޭރީ ކަސަމް"ގެ ޕްރޮޑިއުސަރު ދީޕަކް މުކުތު އަތުގައެވެ. ނަމަވެސް ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ފިލްމުގެ ކޮޕީރައިޓްސް އަނިލް ވަނީ މިހާރު ގަނެފައެވެ.

ފިލްމު "ނަޔަކް"ގެ މަންޒަރެއްގައި އަނިލް އަދި ކުރިގެ އެކްޓަރު އަމްރިޝް ޕުރީ--ފޮޓޯ/ބޮލީވުޑްހަންގާމާ
އަނިލް ފިލްމުގެ ކޮޕީރައިޓްސް ގަންނަން ބޭނުންވީ "ނަޔަކް" އަކީ އެކްޓަރުގެ ހިތުން ހާއްސަ ޖާގައެއް ހޯދި ކެރިއަރުގެ ވަރަށް ހާއްސަ ފިލްމަކަށްވުމުން ކަމަށް ބޮލީވުޑްހަންގާމާގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ފިލްމު "ނަޔަކް"ގެ ރިމޭކްއެއް އުފައްދަން އުޅޭ ކަމުގެ އަޑުތަކެއް މީގެ އަހަރުތަކެއް ކުރިން އަރާފައިވީ ނަމަވެސް އެކަމަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
އަނިލް ފިލްމުގެ ކޮޕީރައިޓްސް މިހާރު ގަނެފައިވުމާ އެކު "ނަޔަކް"ގެ ސީކުއަލްގެ މަސައްކަތް ފެށިފައި އޮތް ނަމަވެސް ބޮޑެތި ބަދަލުތަކެއް ފިލްމަށް އަންނާނެ ކަމަށް މިހާރު ބެލެވެއެވެ.
ފިލްމު "ނަޔަކް"ގެ މުހިއްމު ތަރިންގެތެރޭ އަނިލް ކަޕޫރުގެ އިތުރުން ރާނީ މުކަރުޖީ، ޕަރޭޝް ރަވާލް، ސޯރަބް ޝުކްލާ، ނީނާ ކުލްކަރުނީ، ޖޯނީ ލިވަ. ޕޫޖާ ބަޓްރާ އަދި ކުރީގެ އެކްޓަރު އަމްރިޝް ޕޫރީ ހިމެނެއެވެ.