ވިޖޭގެ ކެރިއަރުގެ އެންމެ ފަހު ފިލްމުގެ ޓްރެއިލާ ދައްކާލައިފި


ފިލްމު ކުޅުމާ ދުރަށްގޮސް އެކްޓިންގްއިން ރިޓަޔަވިކަން މީގެ އަހަރެއްހާ ކުރިން އިއުލާނުކުރި ދެކުނު އިންޑިއާގެ އެކްޓަރު ތަލަޕަތީ ވިޖޭގެ ކެރިއަރުގެ އެންމެ ފަހު ފިލްމު "ޖާނާ ނަޔާގަން"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި ފިލްމަކީ ކޭވީއެން ޕްރޮޑަކްޝަންސް ބެނާގެ ދަށުން ތަމަޅަ ޑައިރެކްޓަރު ވިނޯތު ޑައިރެކްޓްކޮށް ގެނެސްދޭ ވަރަށް ވަރުގަދަ ޕޮލިޓިކަލް އެކްޝަން ތުރިލާއެކެވެ.

މި ފިލްމުގެ ލީޑް ރޯލްއިން ވިޖޭ ފެންނާނެއިރު އޭނާ ފިލްމުގައި ކުޅެފައި ވަނީ ޖެހިލުންކުޑަ ފުލުސް އޮފިސަރެއްގެ ރޯލްއިންނެވެ. ފިލްމުގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިންގެތެރޭ ބަތަލާ ޕޫޖާ ހޭގްޅޭ، ޕްރިޔާމަނީ، ޕްރަކާޝް ރާޖް އަދި ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް ހިމެނެއެވެ. ފިލްމުގައި ބޮބީ ވިލެންގެ ރޯލްއިން ފެންނާނެއިރު ދެ ތަރިންގެ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ބެލުންތެރިންނަށް ފިލްމުން ފެންނާނެއެވެ.

ފިލްމު "ޖާނާ ނަޔާގަން"ގެ ސެޓުގައި ވިޖޭ ބަތަލާ ޕޫޖާ ހޭގްޅޭއާ އެކު--ފޮޓޯ/ޕިންކްވިލާ

މި ހަފްތާގެ ހުކުރު ދުވަހު ސިނަމާތަކަށް ގެންނަން ތައްޔާރަށް އޮތް ފިލްމު "ޖާނާ ނަޔާގަން"ގެ ޓްރެއިލާގެ މަންޒަރެއްގައި އޭއައި ޖެމިނީއިން ފެންނަ ވޯޓަމާކް ފެންނަން ހުރުމުން އެކަމާ ބެލުންތެރިންގެ ގިނަ ބަޔަކު ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެއީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ވިޖޭ ފަދަ އިންޑިއާގެ ސުޕަ ސްޓާރެއްގެ ފިލްމެއްގެ ޓްރެއިލާއިން އެ މަންޒަރު ފެންނަން ހުރުމަކީ ލަދުވެތި ކަމެއް ކަމަށާއި ފިލްމުން އެފަދަ މަންޒަރުތައް ނުފެނި ބެލުންތެރިން މާޔޫސް ނުކުރުވާނެ ކަމަށް އުއްމީދުކުރާ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

ފިލްމު "ޖާނާ ނަޔާގަން"ގެ އޯޑިއޯ ލޯންޗުކުރުމަށް ދާދިފަހުން މެލޭޝިޔާގައި ބޭއްވި ހަފްލާގައި ވިޖޭ ބުނީ ފިލްމީ ދާއިރާއިން ރިޓަޔާވެ ސިޔާސީ ދާއިރާއާ ގުޅެން ނިންމީ އޭނާއަށް ސަޕޯޓުކުރާ މީހުންގެ ދިފާއުގައި ތެދުވެ އެ މީހުންގެ ހައްގު ހިމާޔަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އުމުރުން 50 އަހަރުގެ އެކްޓަރު ވަނީ "ތަމިލާގާ ވެތުރީ ކަޒާގަމް"ގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓިއެއް އުފައްދައި މި ފެށޭ 2026ގައި ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ އިންތިޚާބުގައި ވާދަކުރަން ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފައެވެ.

comment ކޮމެންޓް