ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ 47 ވަނަ އުފަންދުވަސް ފާހަގަކުރަން ދިވެހިރާއްޖެ އަތުވެއްޖެއެވެ.
ބިޕާޝާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ބުނެ، ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގެ ވިލާގައި ނަގާފައިވާ ވީޑިއޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ބިޕާޝާގެ އުފަންދުވަހަކީ މި ހަފުތާގެ ބުދަ ދުވަހެވެ.
އިއްޔެގެ ވަގުތެއްގައި ބިޕާޝާއާއި ފިރިމީހާ/އެކްޓަރު ކަރަން ސިންގް ގްރޯވަރު ރާއްޖެ އައިސްފައިވަނީ ދަރިފުޅު ދޭވީއާ އެކުއެވެ. ބިޕާޝާގެ އާއިލާއިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ފަސްތަރީގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ތާޖް އެގްޒޯޓިކާ ރިސޯޓު އެންޑް ސްޕާގައެވެ.
ކަރަންއާއި ބިޕާޝާގެ އާއިލާއަށް މި ރިސޯޓުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ބިޕާޝާ ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި އުފަންދުވަސް ފާހަގަކޮށްފައެވެ. މިދިޔަ އަހަރު ބިޕާޝާގެ އުފަންދުވަސް ފާހަގަކޮށްފައިވަނީ ޅ. އަތޮޅުގައި އޮންނަ ފުޝިފަރު މޯލްޑިވްސްގައެވެ.

ބިޕާޝާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައި--ފޮޓޯ/އިންސްޓަގްރާމާ
ބިޕާޝާ ފާހަގަކުރެވެނީ އިންޑިއާގެ ސެލެބްރިޓީންގެ ތެރެއިން ވަރަށް ގިނައިން ރާއްޖެއަށް ޒިޔާރަތްކުރާ ބަތަލާއެއްގެ ގޮތުގައެވެ. އަމިއްލަ އުފަންދުވަހުގެ އިތުރުން ކައިވެނީގެ އެނިވާސަރީ އަދި ދަރިފުޅު ދޭވީގެ އުފަންދުވަހާ ގުޅުވައިގެން ވެސް އެކި ފަހަރު މަތިން ބަތަލާ ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ބިޕާޝާ ބުނެފައިވާ ގޮތުގައި ރާއްޖެއަކީ ބަތަލާއަށް އެންމެ ކަމުދާ އަދި ޗުއްޓީ ހޭދަކުރަން އެންމެ އަންނަ ހިތްވާ ޤައުމުތަކުގެ ތެރޭ ގުނާލެވޭ ޤައުމެކެވެ.
ކައިވެންޏަށް ފަހު އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ބިޕާޝާ ވަނީ ފިލްމީ މަސައްކަތްތަކާ މުޅިން ދުރުވެފައެވެ. ނަމަވެސް، ދާދި ފަހުން ބަތަލާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރު ކަމަށެވެ.