ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލުމަށްފަހު، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ އިސްލާހު އަލުން ހުށަހަޅައިފިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ކުޑޫ ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރުމަށް ފަހު ވަނީ، ހަމަ އެ މަހުގެ 21ވަނަ ދުވަހު ބޭއްވި ޖަލްސާގައި އިސްލާހު ބަލައިނުގަނެ، ތަޅުމުން ބޭރުކޮށްލައިފައެވެ. އެ އިސްލާހު ތަޅުމުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި, ޕީއެންސީގެ 61 މެންބަރުންގެ ވެސް ވޯޓާ އެކުގައެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން އަލުން އެ އިސްލާހު ހުށަހެޅީ ޕެންޝަންގެ ގާނޫނަށް ގެންނަ އިތުރު އިސްލާހުތަކާ ވެސް އެކުއެވެ.
މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކެއްގެ ތެރެއިން ދެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ، ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދައިދިނުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ދެ ފަހަރު މަތިން ވިދާޅުވެފައެވެ.
އެންމެ ފަހުން ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ، ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާއަށް އެ އިސްލާހު ހުށަހެޅުމަށާއި ބަހުސްކުރުމަށް އޮތީ ތާވަލުކޮށްފައެވެ. އެގޮތުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހެޅުއްވީ ޕެންޝަން ގާނޫނަށް ބައެއް މާއްދާތައް އިތުރުކުރުމަށެވެ.
އެ މާއްދާތަކުގެ ތެރޭގައި ޕެންޝަން ލިބޭ އުމުރު ހަމަނުވިކަމުގައިވިޔަސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާ ހާލަތެއްގައި ޕެންޝަންގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ފައިސާ ދޫކުރެވޭނެ ގޮތަށް ހެދުމަށް ވަނީ ހުށަހަޅައިފައެވެ. އެގޮތަށް ފައިސާއަށް އެދޭއިރު ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
މީގެ އިތުރުން، ޙައްޖަށް ދިއުމަށްޓަކައި ޙައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 ޕަސެންޓު ދައްކައިފިނަމަ، ހައްޖަށް ދިއުމަށްޓަކައި ދައްކަންޖެހޭ އަގުގެ ތެރެއިން ބާކީ 80 ޕަސެންޓު ފައިސާ، ޕެންޝަން އެކައުންޓުން ދެއްކޭ ގޮތަށް ވެސް ޕެންޝަން ގާނޫނު އިސްލާހުކުރުމަށް ވަނީ ހުށަހަޅައިފައެވެ.
ގަލޮޅު އަވަށުގެ ރައްޔިތުންނާ މިދިޔަ ޑިސެންބަރު މަހުގެ 16ވަނަ ދުވަހުގެ ރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ޕެންޝަން ފަންޑު ފުޅާކޮށް އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ވިސްނުމެއް ސަރުކާރުގެ އެބައޮތް ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މި އުޅެނީ ޕެންޝަންގެ ގާނޫނު އިސްލާހުކުރަން އަނެއްކާ ވެސް ފޮނުވަންވެގެން. އޭގެ ތެރޭގައި އިތުރު ކަންކަން ހިމަނަން، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވައުދާއި ބައްދަލުވުންތަކުގައި އަންނަ ކަންކަމަށް ރިއާޔަތްކޮށްފައި. މީގެ ތެރޭގައި ޓާމިނަލް އިލްނެސްގައި އުޅޭ ފަރާތަކަށް ވިއްޔާ، އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިފަދަ ބައެއް ކަންތައް،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ގެދޮރުވެރިކަމާއި އެހެނިހެން ކަންކަން ހިމެނޭހެން ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމަށް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހު ހެންވޭރު އަވަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ޕެންޝަން ފަންޑާ ގުޅޭ ގޮތުން އަވަށުގެ ރައްޔިތަކު ކުރި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ، ޕެންޝަން ގާނޫނު އިސްލާހުކުރުމަށް ދެން ފެށޭ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ސަރުކާރުން ހުށަހަޅާނެ ކަމަށެވެ.
އެގޮތުން, ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާޙުތަކެއް ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ. އޭރުން މިހާރަށް ވުރެ ގިނަ ކަންކަމުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ, ޕެންޝަން ފަންޑު ވަރަށް މުހިންމު ކަންކަމުގައި ބޭނުންކުރަން ފަހިވާނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އަޅުގަނޑު ވައުދުވީ ގޮތަށް، އޭގެ ތެރެއިން އެއްބައި ކަންކަން މިހާރު ފެށިފައި އެ ވަނީ އިތުރަށް ފުޅާކޮށްދޭން،" ރައީސް ވިދާޅުވިއެވެ.
ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން، އެ މީހުންގެ ފަރުވާއަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތް ހެދުން ފަދަ ކަންކަމަށް މިހާރު ވެސް އަންނަނީ އެދެމުންނެވެ. ހަމައެއާއެކު ވަޒީފާއިން ވަކިވުމަށް ފަހު، ވަޒީފާގައި އުޅުނުއިރު އެއްވާ ޕެންޝަން ފައިސާ ލިބޭނެ ގޮތެއް ވޭތޯ ވެސް ބައެއް ރައްޔިތުން އެދެއެވެ.
މިހާރު ވެސް ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް ޕެންޝަން ފަންޑު ބޭނުންކުރެވެއެވެ.
ގާނޫނުގައި އޮތް ގޮތުން މިހާރު ވަޒީފާ އަދާކޮށްގެން އެއްވާ ޕެންޝަން ފައިސާ ވެސް ލިބެން ފަށަނީ 65 އަހަރުވުމުންނެވެ.