ނިމިދިޔަ ހަފުތާ ބަންދުގައި ގޭންގު ކުށްތައް ހިނގާތޯ ބެލުމަށް މާލެއާއި ހުޅުމާލޭގެ ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 415 ފަހަރެއް މަތިން ބަލައި ފާސްކޮށްފައިވާ ކަމަށް، ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ ހަފުތާ ބަންދުގައި ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމަންޓުން 94 މީހަކާ ސުވާލުކޮށް، ހަ އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ މުއްދަތުގައި މާލެއާއި ހުޅުމާލޭގެ ސަރަހައްދުތައް 415 ފަހަރު ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދިނެވެ.
ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ހަ އުޅަނދު ފާސްކުރިއިރު، ހަތަރު އުޅަނދު ނަގާފައިވާ ކަމަށާއި، ފައިމަގުގައި ނުވަ ގަޑިއިރަށް ވުރެ ގިނަ ވަގުތު ޕެޓްރޯލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި، ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ގޭންގެއް ކަމަށް ކަނޑައަޅަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލައެއް ފޮނުވިކަން ފުލުހުން ހާމަކުރީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓު އިސްޙާޤް އާދަމް އެ ދުވަހު އާންމުކުރެއްވި ބައެއް ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ހަ ތަނެއް ބަލައި ފާސްކޮށް ހަތް މައްސަލައެއްގައި 11 މީހަކު ހައްޔަރުކޮށް ދެ މީހަކަށް ދައުވާކުރުމަށާއި ގޭންގު ކަނޑައެޅުމަށް އެއް ގްރޫޕެއް ޕްރޮސެކިއުޓަރު ޖެނެރަލަށް ފޮނުވާފައިވެއެވެ.
"ގޭންގު ކަނޑައެޅުމަށްޓަކައި އެއް މައްސަލައެއް ޕްރޮސެކިއުޓަރު ޖެނެރަލުގެ އޮފީހަށް ފޮނުވިފަވޭ، އެހެން ނަމަވެސް އެ އޮފީހުން އަދި ބައެއް ކަންކަން ސާފުކުރުމަށް އަޅުގަނޑުމެންނަށް އަންގައިފަ ވާތީ އެ މަސައްކަތް މި ދަނީ ކުރަމުން،" އިސްޙާޤް ވިދާޅުވިއެވެ.
ގޭންގު ހުއްޓުވާ ގާނޫނުގައިވާ ގޮތުން ގޭންގެއް ގޮތުގައި ކުށްކުރާ ގުރޫޕެއް ކަނޑައެޅުމަށް ފުލުހުން ފޮނުވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށެވެ. އެ އޮފީހުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށްފަހު ދެން އޮންނާނީ ހައިކޯޓަށް ހުށަހެޅުމެވެ. ގާނޫނުގައިވާ ގޮތުން، ގޭންގެއް ގޮތުގައި ކަނޑައެޅުމުގެ ކުރިން އެ މީހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
ކުށްކުރާ ގުރޫޕެއް ގޭންގެއް ގޮތުގައި ހައިކޯޓުން ކަނޑައަޅާނީ ނުވަތަ ކަނޑަނާޅާނީ އޭގެ ފަހުންނެވެ.
އިސްޙާޤް ވިދާޅުވީ، އަތޮޅުތެރޭ ވެސް ފުލުހުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މި ގާނޫނު އައުމުގެ ކުރިން އިންތިޒާމުވެގެން ކުށްކުރާ ގުރޫޕުތައް ހަރަކާތްތެރިވި މަންޒަރު ފެނުނު ކަމަށެވެ.
"މިއަހަރު ކުރީކޮޅާ އަޅާ ބަލާއިރު މިއަހަރު ފަހުކޮޅު މިކަންކަން (ގޭންގުތަކާއި އިންތިޒާމުވެގެން ކުރާ ކުށްތައް) އިންތިހާއަށް މަދުވެފަ މި ވަނީ، އެހެންވީމާ މި ގާނޫނުގެ ސަބަބުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މި ގާނޫނުގެ ބޭނުން އެންމެ ހެޔޮގޮތުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އިސްޙާޤް ވިދާޅުވިއެވެ.