މިހާރުވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުންދާ ވިޔަފާރިވެރިންނަށް ޚާއްސަކޮށް، އެސްއެމްއީ ޑިޖިޓަލުން އާ ލޯން ސްކީމެއް މިއަދު ތައާރަފުކޮށްފިއެވެ.
"ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން"ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލުން އާ ސްކީމެއް ތައާރަފުކުރުމުގެ ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް، އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.
މި ލޯނު ސްކީމްގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށާއި އާމްދަނީ އިތުރުކުރުމަށްޓަކައި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދަން މަގުފަހިވާނެ ކަމަށް، އެސްއެމްއީ ޑިޖިޓަލުން މައުލޫމާތުދެއެވެ.
އެސްއެމްއީ ޑިޖިޓަލުން ބުނީ، މި ސްކީމްގެ ދަށުން ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ ކަމަށާއި، ޖުމުލަ ފަސް މިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ ކަމަށެވެ.
އަދި މި ސްކީމްގެ ދަށުން ދޫކުރާ ފައިސާ އަނބުރާ ދައްކަން ވިޔަފާރިތަކަށް ދިހަ އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، އެ މުއްދަތުގެ ތެރޭ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑެއް ދޭނެ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.
މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައިވާނެ ކަމަށްވެސް، އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރީބްރޭންޑުކޮށް އެ ކުންފުނީގެ ނަން އެސްއެމްއީ ޑިޖިޓަލަށް ބަދަލުކޮށް، ބީއެމްއެލްގެ ސަބްސިޑަރީއަކަށް ހެދީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.