ފޯނެއް ވަގަށްނެގި ކަމަށް ތުހުމަތުކުރާ މައްސަލައެއްްގައި، އޭނާ އަތުން ފޯނު ފެނުމުން އެއީ "ކުއްޖެއް ވިއްކި ފޯނެއް" ކަމަށް ބުނި މީހަކު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވާ ތ. ތިމަރަފުށީ، ލަކީހައުސް، ޞަފްވާން ޢަލީއެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭވަރަށް، ކޮންމެވެސް މިންވަރެއްގެ ހެކި ވަނީ ހުށަހަޅައިފައެވެ.
ވައްކަމުގެ ތުހުމަތު އޭނާއަށް ކުރާއިރު ބެލެވެނީ އޭނާ ވަގަށް ނެގީ ފޯނެއް ކަމަށެވެ. އެގޮތުން އަމުރުގައިވާ ގޮތުން، އޭނާ އަތުން ފެނުނު ފޯނަކީ ކުއްޖެއްގެ އަތުން ގަތްފޯނެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ކުއްޖާއެއީ ކޮން ނަމެއް ކިޔާ ކުއްޖެއްކަން ހަނދާން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލައިގައި ސީސީޓީވީ ފުޓޭޖުތައް ބެލުމުން، އޭނާ ބަނދަރުމަތިން ބޯޓަކަށް އަރާ މަންޒަރު ފެންނަ ކަމަށާއި، އޭނާގެ އަތުން ގެއްލުނު ކަމަށް ބުނާ ފޯނު، އޭނާ އަތުން ހޯދުނުކަމަށް ވެސް ފުލުހުން ބުނި ކަމަށް އަމުރުގައިވެއެވެ.
އޭނާއަކީ މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ބަންދު ރެކޯޑު އޮތް މީހެކެވެ.
ވައްކަމުގެ މިފަދަ މައްސަލަތައް ވަރަށް އާންމެވެ. ކްރިމިނަލް ކޯޓުން މިފަދަ މައްސަލަތަކުގައި ބަންދު މުއްދަތު ޖަހައި މީހުން ތަކުރާރުކޮށް އެއް ކުށެއްގައި ވެސް އެތައް ފަހަރަކު ހައްޔަރުކުރެއެވެ. ނަމަވެސް ކުށް ކުރުން ހުއްޓުވޭ ގޮތް ކަމާ ބެހޭ އިދާރާތަކަކަށް ނުވެއެވެ.