އެމެރިކާއިން ވެނެޒުއޭލާ ހިންގައި އެ ގައުމުގެ ތެޔޮ ވިއްކާނެ: ޓްރަމްޕް

މަދޫރޯ ހިފެހެއްޓުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ/އޭއެފްޕީ

ވެނެޒުއެލާގައި ހަމަޖެހުން ގާއިމުވެ، ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ނިމެންދެން އެ ގައުމު ހިންގާނީ އެމެރިކާއިން ކަމަށާއި، ތެލުގެ ރިޒާވް ބޭނުންކޮށްގެން އެހެން ގައުމުތަކަށް ތެޔޮ ވިއްކާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރާ ހިފަހައްޓައި، ގައުމުން ބޭރަށް ގެންދިއުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މަދޫރޯއާއި އަނބިކަނބަލުން ސީލިއާ ފްލޮރެސް ހިފަހައްޓައި ގައުމުން ބޭރަށް ގެންދިޔައީ ވެރިރަށް ކަރަކަސްއަށް ދިން ވަރުގަދަ ހަމަލާތަކަށްފަހުގައެވެ.

ވެނެޒުއެލާގެ ތެލުގެ ސިނާއަތުގައި އެމެރިކާ ވަރުގަދައަށް ބައިވެރިވާނެ ކަމަށާއި އެމެރިކާގެ ކުންފުނިތަކުން ވެނެޒުއޭލާގެ ގެއްލުވަމުން އަންނަ ތެލުގެ އިންފްރާސްޓްރަކްޗާ އަލުން ބިނާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެމެރިކާގެ ތެޔޮ ކުންފުނިތަކުން ވެނެޒުއޭލާގެ ހަކަތައަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

މަދޫރޯ ދޫކޮށްލުމަށް ގޮވާލައި ވެނެޒުއޭލާގެ ބައެއް އާންުުމުން މުޒާހަރާ ކުރަނީ. ފޮޓޯ/އީޕީއޭ

"އަޅުގަނޑުމެން އެހެން ގައުމުތަކަށް ގިނަ އަދަދަކަށް ތެޔޮ ވިއްކާނަން، ގިނަ ގައުމުތަކުން މިހާރު އެ ތެޔޮ ބޭނުން ކުރަމުންދާއިރު، ތެޔޮ ގަންނަ ގައުމުތައް އަދިވެސް އިތުރުވާނެ،" ފްލޮރިޑާގެ ޕާމް ބީޗުގައި ހުންނަ މާ-އަ-ލަގޯ ގެ ގެކޮޅުގައި ހުންނަވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑެތި އެމެރިކާގެ ތެޔޮ ކުންފުނިތައް ވަދެ، ބިލިއަން ޑޮލަރު ޚަރަދުކޮށް، ވަރަށް ބޮޑަށް ގެއްލުންވެފައިވާ ތެލުގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރާނަން."

އޯޕެކްގެ ފައުންޑިން މެމްބަރު ވެނެޒުއެލާ އަކީ ދުނިޔޭގައި ތެލުގެ ރިޒާވް އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އެމެރިކާއިން ވެނެޒުއޭލާއަށް އިއްޔެ ހަމަލާ ދިނީ ވެނެޒުއޭލާއަށް ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހުގަވެ. އިންޒާރުދީފައި ވަނީ ވެނެޒުއޭލާއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގޭންގު މެންބަރުން އެމެރިކާއަށް ފޮނުވާ ކަމަށް ތުހުމަތު ކުރައްވައެވެ. އަދި އެކަމުގައި މަދޫރޯ ޝާމިލުވާ ކަމަށް ޓްރަމްޕް ތުހުމަތުކުރައްވައެވެ.

ވެނެޒުއޭލާއިން ވަގަށް ތެޔޮ ބޭރުކުރާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ޓޭންކަރުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ކަނޑުމަގުން އެ އުޅަނދުތައް ހުއްޓުވުމުގެ މަސައްކަތް ވެސް އެމެރިކާއިން ވަނީ ފަށައިފައެވެ.

އެގޮތުން ޕެސިފިކް ކަނޑާއި ކެރީބިއަން ކަނޑުގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް ފުޅާކޮށް، މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ ގިނަ އުޅަނދުތަކަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ހަމަލާދީފައެވެ.

comment ކޮމެންޓް