ވެނެޒުއޭލާގެ ނާއިބު ރައީސް ރައީސްކަމުގެ ހުވާ ކުރައްވައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާގެ ނާއިބު ރައީސް ޑެލްސީ ރޮޑްރިގޭޒް. ރޮޑްރިގޭޒް ވަނީ ރައީސް ކަމުގެ ހުވާ ކުރައްވާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައި. ފޮޓޯ/އޭޕީ

އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ހިފެހެއްޓުށްފަހު، ގައުމުން ބޭރަށްގެންދިއުމާ ގުޅިގެން އެ ގައުމުގެ ނާއިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ރައީސް ކަމުގެ ހުވާކުރައްވައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނަމަވެސް ވެނެޒުއެލާގެ ސަރުކާރުން ވެސް އަދި މީޑިއާތަކުން ވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ރޮޑްރިގޭޒް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ވާހަކަ ދައްކަވައި ރައީސްކަމަށް ޝައުގުވެރިވާ ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެއީ ވެނެޒުއޭލާ ކުރިއެރުވުމަށް އެމެރިކާއިން ބޭނުންވާ މުހިންމު ފިޔަވަޅެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މަދޫރޯ ހިފެހެއްޓިއިރު، ރޮޑްރިގޭޒް ހުންނެވީ ރަޝިޔާގައި ކަމަށް ވެސް ބައެއް މަސްދަރުތަކަށް ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ރަޝިއާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ކަނާތުފިޔައިގެ ޖޯޖް އެންޓޯނިއޯ ރޮޑްރިގޭޒްގެ ދަރިކަނބަލުން ރޮޑްރިގޭޒް އަކީ ގިނަ ދުވަސްތަކެއް ވަންދެން ވެނެޒުއެލާގެ އިގްތިސާދު ބެލެހެއްޓުމުގެ މުހިންމު ދައުރެއް އަދާކުރެއްވި ފަރާތެކެވެ.

މަދޫރޯއާއި އަނބިކަނބަލުން ސިލިއާ ފްލޮރެސް ތިއްބެވި ތަނެއް ވެނެޒުއެލާ ސަރުކާރަށް ނޭނގޭ ކަމަށާއި މަދޫރޯއާއި ފްލޮރެސް ދިރިތިބިކަމުގެ ހެކި ހޯދުމަށް ސަރުކާރުން ޑިމާންޑް ކުރަމުންދާ ކަމަށް ރޮޑްރިގޭޒް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މަދޫރޯއަކީ ދުނިޔޭގައި އެންމެ ބޮޑަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެކަކު ކަމަށް ތުހުމަތުކޮށް، މަދޫރޯ ހައްޔަރު ކުރުމަށް މަގުފަހިވާ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 50 މިލިއަން ޑޮލަރު ދޭނެ ކަމަށް މިދިޔަ އޮގަސްޓު މަހު އެމެރިކާއިން ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް