މި މަހުގެ 11 ވަނަ ދުވަހު ކައިވެނި ކުރާނެކަމަށް މީޑިއާތަކުން ބުނެފައިވާ ނުޕޫރް ސެނަން އާއި ލޯބިވެރިޔާ ސްޓެބިން ބެން އެންގޭޖްވިކަން އިއުލާނުކޮށްފިއެވެ.
ނުޕޫރު އާއި ސްޓެބިން އެންގޭޖްވިކަން އިއުލާނުކޮށްފައި ވަނީ ދެ މީހުންގެ ރަސްމީ އިންސްޓަގްރާމްގައި އިއްޔެގެ ވަގުތެއްގައެވެ.
އެންގޭޖްވުމަށް ބޭއްވި ހާއްސަ ހަފްލަގެ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓު ކުރަމުން ކެޕްޝަނެއްގެ ގޮތުގައި ނުޕޫރު ބުނެފައި ވަނީ، ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ނިންމުމުގައި ފަސްޖެހުނު ނަމަވެސް ސްޓެބިންއާ އެކު ޒަވާޖީ ހަޔާތެއް ފެށުމަށް އާނބަސް ބުނުމަކީ މިހާތަނަށް އެންމެ ފަސޭހައިން ނިންމި ނިންމުން ކަމަށެވެ.

ނުޕޫރު ދައްތަ އަދި ބަތަލާ ކްރިތީ ސެނަންއާ އެކު--ފޮޓޯ/މިޑްޑޭ
ލަވަކިޔުންތެރިޔާ ސްޓެބިން ބީ އާއި ނުޕޫރުގެ ކައިވެނީގެ ހަފްލާ އޮންނާނީ އިންޑިއާގެ ޖެއިޕޫރުގައި ކަމަށް މީޑިއާތަކުން ބުނެފައިވީ ނަމަވެސް އެކަން މިހާތަނަށް ނުޕޫރު އަދި ސްޓެބިންގެ ފަރާތުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާގޮތުން މި ކައިވެނީގެ ރަސްމީ ހަރަކާތްތައް މި ފެށޭ ހަފްތާގެ ބުރާސްފަތި ދުވަހު ފަށަން ވަނީ ނިންމާފައެވެ.
ޖެއިޕޫރުގައި ބާއްވާ ކައިވެނީގެ ރަސްމިއްޔާތަށްފަހު ނުޕޫރު އާއި ސްޓެބިންގެ ކައިވެނީގެ ރިސެޕްޝަން ކައިވެނިކުރާ ހަފްތާގެތެރޭގައި މުމްބާއީގައި ވަރަށް ކުލަގަދަކޮށް ބާއްވާނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އެ ހަފްލާއަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް ދައުވަތު ދޭން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ބަތަލާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ 32 އަހަރުގެ ނުޕޫރު އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮއެވެ. ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ލަވަކިޔުންތެރިޔާ ސްޓެބިން އާއި ނުޕޫރު އެންގޭޖްވެފައި މިވަނީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރެއްހާ ދުވަސްފަހުންނެވެ.
ކްރިތީގެ ކޮއްކޮ ނުޕޫރަށް ބެލުންތެރިންގެ ސަމާލުކަން ލިބުނީ 2019 ވަނަ އަހަރު އެކްޓަރު އަކްޝޭ ކުމާރުއާ ކުޅުނު މިއުޒިކް ވީޑިއޯ "ފިލްހާލް"އިންނެވެ. އޭގެފަހުން 2023 ވަނަ އަހަރު ޓެލެވިޒަން ސީރީސް "ޕޮޕް ކޯން"ގައި މަސައްކަތް ކުރުމަށްފަހު ހަމަ އެ އަހަރު ނުޕޫރު ވަނީ ތެލުގޫ ފިލްމެއްގައި މަސައްކަތްކޮށްފައެވެ.
ނުޕޫރު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އެކްޓަރު ނަވާޒުއްދީން ސިއްދީގީއާ އެކު މަސައްކަތްކުރާ ފިލްމު "ނޫރާނީ ޗެހެރާ"އިންނެވެ.