'ޓޮކްސިކް'ގައި ތާރާ ވެސް ފެންނަނީ ވަރަށް ތަފާތުކޮށް

ބަތަލާ ތާރާ ސުތާރިއާ ފިލްމު "ޓޮކްސިކް"ގައި ކުޅޭ ކެރެކްޓާ ފެންނަ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ކަންނާޑާ އެކްޓަރު ޔަޝްގެ ކުރިއަށް އޮތް ފިލްމު "ޓޮކްސިކް"ގައި ބަތަލާ ތާރާ ސުތާރިއާ ކުޅޭ ކެރެކްޓާ ދައްކާލައިފިއެވެ.

ޔަޝްގެ އަމިއްލަ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި ތާރާ "ޓޮކްސިކް"ގައި ކުޅޭ ކެރެކްޓަ ބެލުންތެރިންނަށް ތައާރަފްކޮށްދިނީ 'ރެބެކާ'ގެ ނަމުންނެވެ. ތާރާ ފިލްމުގައި ކުޅޭ ކެރެކްޓާއިން ދައްކުވައިދެނީ 1960ގެ އަހަރުތަކުގެ ޒުވާން އަންހެނެއްގެ ގޮތުގައެވެ.

މިހާތަނަށް މި ފިލްމުގެ އިތުރު ތިން ބަތަލާއިންގެ ކެރެކްޓާ ދައްކާލާފައިވާއިރު ތާރާ ވެސް ފިލްމުގައި ފެންނާނީ ވަރަށް ޖެހިލުންކުޑަ އަންހެނެއްގެ ގޮތުގައި ކަން ފިލްމުގެ ޕޯސްޓަރުން ހާމަކޮށްދެއެވެ.

މިހާތަނަށް ބެލުންތެރިންނަށް ތައާރަފްކޮށްދިން ބަތަލާއިންގެތެރޭ ކިއާރާ އަދުވާނީ (ނާދިއާ)، ހުމާ ގުރައިޝީ (އެލިޒެބަތު) އަދި ތަމަޅަ ބަތަލާ ނަޔަންތާރާ (ގަންގާ)ގެ ގޮތުގައި ހިމެނޭއިރު މި ތިން ތަރިން ވެސް ފިލްމުގައި ފެންނާނީ މީގެކުރިން ސްކްރީނުން ފެނިފައިނުވާ ފަދަ ކެރެކްޓާތަކުގައި ކަމަށް ޔަޝްގެ ޓީމާ ހަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޔަޝް ފިލްމު "ޓޮކްސިކް"ގެ ސެޓުގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކޭވީއެން ޕްރޮޑަކްޝަންސް އާއި މޮންސްޓަ މައިންޑް ކްރިއޭޝަންސް ބެނާގެ ދަށުން ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޔަޝް އަދި ވެންކަތު ކޭ ނަރަޔަނާއެވެ. ފިލްމުގެ ކުރު ޓީޒާއެއް މީގެކުރިން ބެލުންތެރިންނަށް ގެނެސްދީފައިވާއިރު މި ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔަ"އިން 2019 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފްވި ބަތަލާ ތާރާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2023ގައި ރިލީޒްކުރި ފިލްމު "އަޕޫރުވާ"އިންނެވެ.

ފުރަތަމަ ފިލްމުން ބެލުންތެރިންގެ މަގުބޫލުކަން ލިބުނު ނަމަވެސް ތާރާ ފަހުން ކުޅުނު މަދު ފިލްމުތަކުން އޯޑިއަންސްގެ މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ފިލްމު "ޓޮކްސިކް"ގައި ތާރާ ކުޅޭ ކެރެކްޓާއަށްފަހު ބަތަލާގެ ފިލްމީ ކެރިއަރަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ގިނަބަޔަކު އުއްމީދުކުރެއެވެ.

comment ކޮމެންޓް