އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދެމުން އަންނަ މަގުބޫލު ވެބް ސީރީސް "ފޯ މޯ ޝޮޓްސް ޕްލީޒް"ގެ ބަތަލާ ކީރްތީ ކުލާރީ އާއި އެ ސީރީސްގެ ފަހު ސީޒަންއިން ފެނުނު އެކްޓަރު ރަޖީވް ސިދާތު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާނުކޮށްފިއެވެ.
ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާނުކޮށްފައި ވަނީ ސަޕޯޓަރުންނަށް މި ފެށުނު އާ އަހަރުގެ ހެޔޮ އެދުންތައް ފޮނުވި މެސެޖަކާ އެކުއެވެ.
އާ އަހަރުގެ ތަހުނިޔާ ކިޔަމުން ކީރްތީ ވަނީ ރަޖީވްއާ އެކު ހޭދަކޮށްފައިވާ ލޯބި ހަނދާންތަކެއް ދައްކުވައިދިން ވީޑިއޯ ކްލިޕެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ތަސްވީރުތަކަކީ އެތަކެއް ވާހަކަތަކެއް ކިޔައިދޭ ހަނދާންތަކެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ކީރްތީގެ މި ޕޯސްޓާ އެކު ދެ ތަރިންނަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔާފައެވެ. އޭގެތެރޭގައި "ފޯ މޯ ޝޮޓްސް"ގައި އެކީގައި މަސައްކަތްކުރި އެހެން ތަރިން ވެސް ހިމެނެއެވެ.

ވެބް ސީރީސް "ފޯ މޯ ޝޮޓްސް ޕްލީޒް"ގެ ލީޑް ތަރިން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އަލަތު ލޯބިވެރިއެއް ހަޔާތަށް އައިކަން އިއުލާނުކުރިއިރު ކީރްތީ ވަނީ މީގެކުރިން ކައިވެންޏެއް ކޮށްފައެވެ. އެކްޓަރެއްގެ އިތުރުން މޮޑެލް ކުރުމުގެ ދާއިރާގައި ވެސް މަސައްކަތްކޮށްފައިވާ ސާހިލް ސޭގަލްއާ އެކު ކުރެވުނު ކައިވެނި ރޫޅާލިކަން ކީރްތީ އިއުލާނުކޮށްފައި ވަނީ 2021ގައެވެ.
ކީރްތީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަޖީވް މިހާތަނަށް މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމުތަކުގެތެރޭ "ޖޮލީ އެލްއެލްބީ"، "ލަވް ސިތާރާ" އަދި ވެބް ސީރީސް "އާޝްރަމް" ހިމެނެއެވެ.