ހަނގުރާމައިގައި ޔުކްރެއިންގެ ސިފައިންނާއި ރައްޔިތުން ވަރުބަލިވެއްޖެ: ޒެލެންސްކީ

ޒެލެންސްކީ

ކިޔޭވް (3 ޖަނަވަރީ 2026): ރަޝިއާ ޔުކްރެއިން އާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައަށް ހަތަރު އަހަރު ވެފައިވާއިރު ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ސިފައިންނާއި ރައްޔިތުން ވަރުބަލިވެފައިވާ ކަމަށް އެގައުމުގެ ރައީސް ވްލަދިމިޔަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔުކްރެއިންގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި ޒެލެންސްކީ ވިދާޅުވީ ދިގުލާފައިވާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ސިފައިންނާއި ރައްޔިތުން ވަރުބަލިވެފައިވީނަމަވެސް ހަނގުރާމަ ހުއްޓާލުމަށްޓަކައި ޔުކްރެއިންގެ ހައްގުތައް ގެއްލިގެންދާފަދަ ބަލިކަށި ސުލްހައިގެ އެއްބަސްވުމެއްގައި ރަޝިއާއާއެކު ޔުކްރެއިނުން ސޮއިނުކުރާނެ ކަމުގައެވެ.

ޒެލެންސްކީ މިހެންވިދާޅުވިއިރު ހަނގުރާމައިގާ ރަޝިއާ ގަދަބާރުން ހިފާފައިވާ ޔުކްރެއިންގެ ދުންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލާގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްހައިގެ ޕްލޭނަށް ޔުކްރެއިންވަނީ އުސޫލެއްގެ ގޮތުން ރުހުންދީފައެވެ.

އެއީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެނޫންގޮތެއް ނެތިގެންކަމަށް ޚުދު ޒެލެންސްކީ ކުރިން ވަނީ ވިދާޅުވެފައެވެ. ޒެލެންސްކީ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޔުކްރެއިން އެދޭގޮތަށް ނޫންނަމަވެސް ހަނގުރާމަ ހުއްޓުވުމަށްޓަކައި ބޮޑެތި ދޫތަކެއް ރަޝިއާއަށް ދޭން މަޖުބޫރުވީއެވެ.

އެހެންކަމުން ޓްރަމްޕް ހުށަހަޅުއްވި ސުލްހައިގެ ޕްލޭންގެ ގާތްގަނޑަކަށް 90 އިންސައްތައަށް އޭނާ ރުހުން ދީފައިވާނެކަމަށް ޒެލެންސްކީ ކުރިންވަނީ ވިދާޅުވެފައެވެ. ޒެލެންސްކީ އެމެރިކާއަށް ހުށަހެޅުއްވި ޔުކްރެއިންގެ އަމިއްލަ ސުލްހައިގެ ޕްލޭންގައިވެސް ވަނީ ދުންބާސް ސަރަހައްދުގެ ގާތްގަނޑަކަށް 90 އިންސައްތަ ރަޝިއާއަށް ދޫކޮށްލާ ގޮތަށެވެ.

ޔުކްރެއިން ރަޝިއާއަށް ދޫދިން ކަންތައްތަކުގެ ތެރޭގައި ނޭޓޯގެ މެންބަރުކަން ހޯދުމުގެ ވިސްނުން ދޫކޮށްލުމާއި އަސްކަރީ ގޮތުން ވަކިކޮޅަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި ޔުކްރެއިން އޮތުންވެސް ހިމެނެއެވެ.

ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ ޕްލޭންގައި ހިމެނޭކަންކަމުގެ ތެރެއިން ބާކީ އެއްބަސްނުވެއޮތީ މަދު ޕޮއިންޓްތަކަކަށް ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ޔުކްރެއިންގެ ސުލްހައާބެހޭ އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯވް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ނަމަވެސް މީލާދީ އައުއަހަރުގެ މުނާސަބަތުގައި ޒެލެންސްކީ ދެއްވި ޚިތާބުގައި އޭނާ ވަނީ ކުރިން އޭނާ ދެއްކެވި ވާހަކަތަކާ ފުށުއަރާގޮތަށް ވާހަކަ ދައްކަވާފައެވެ. ސެލެންސްކީ ވިދާޅުވިގޮތުގައި ޔޫކްރެއިނުން ބޭނުންވަނީ ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެންނާށެވެ. ނަމަވެސް ހުރިހާ ކަމެއްގައި ރަޝިއާއަށް ދޫދީގެން "ބަލިކަށި" ސުލްޙައިގެ އެއްބަސްވުމެއްގައި ޔުކްރެއިން ސޮއިނުކުރައްވާނެކަމަށް ވިދާޅުވެ ޒެލެންސްކީ ވަނީ ވާހަކަ ދައްކަވާފައެވެ.

މުރާސިލުން ބުނާގޮތުގައި ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްހައިގެ ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރެއިން 90 އިންސައްތަ އަށް ޒެލެންސްކީ ރުހުން ދެއްވިނަމަވެސް ދުންބާސް ސަރަހައްދު އެއްކޮށް ދޫކޮށްލަން ޒެލެންސްކީ އަދި ގަބޫލުވެވަޑައި ނުގަންނަވައެވެ.

ރަޝިއާ ވަނީ ދުންބާސް ސަރަހައްދަކީ މިހާރު ޔުކްރެއިންގެ ސަރަހައްދެއް ގެ ގޮތުގައި އޮތް ސަރަހައްދެއް ނަމަވެސް އެއީ ރަޝިއާގެ ސްލަވިކް ދަރިކޮޅުގެ މީހުންގެ ބޮޑު އަޣްލަބިއްޔަތެއް އޮންނަ ސަރަހައްދެއްކަމުން އެސަރަހައްދު ދޫކޮށްނުލައިފިނަމަ ހަނގުރާމަ ކޮށްގެން ޔުކްރެއިންގެ އިތުރު ސަރަހައްދުތައް ހިފާނެކަމުގެ އިންޒާރު ދީފައެވެ.

ހަނގުރާމައިގެ މައިދާނުގައި ރަޝިއާގެ މައްޗަށް ޔުކްރެއިންއަށް އެއްވެސް ވަރަކަށް ކުރިއެރުން ނުލިބޭއިރު ފާއިތުވި ހަފްތާ ތެރޭގައިވެސް ރަޝިއާ ވަނީ ޔުކްރެއިންގެ އިތުރު ސަރަހައްދުތައް ހިފާފައެވެ. ނަމަވެސް ދުންބާސް ސަރަހައްދުގައި ރަޝިއާގެ އަތްދަށަށްނުދާ ކުދިކުދި ޕޮކެޓްތަކެއް އަދިވެސް އެބަހުއްޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު