މިދިޔަ އަހަރަކީ އިނގިރޭސިވިލާތަށް އެންމެ ހޫނު އަހަރު

އިނގިރޭސިވިލާތް: މިދިޔަ އަހަރަކީ އިނގިރޭސިވިލާތަށް އެންމެ ހޫނުގަދަވި އަދި އެންމެ ގިނައިން އަވި ދިން އަހަރު -- ފޮޓޯ/ ގެޓީ

މިދިޔަ އަހަރަކީ އިނގިރޭސިވިލާތުގައި ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު އަދި އެންމެ ގިނައިން އަވިދިން އަހަރު ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މީގެ ކުރިން އެފަދަ ރެކޯޑެއް ގާއިމުކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ.

"2025 މިހާރު ވަނީ 1984 ވަނަ އަހަރަށް ފަހު އައި އެންމެ ހޫނު ތިން އަހަރުގެ ތެރޭގައި ހިމެނިފައި،" މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތަށް އެންމެ ހޫނު 10 އަހަރު އައިސްފައި ވަނީ ވޭތުވެދިޔަ 20 އަހަރު ތެރޭގައެވެ.

ސްކޮޓްލޭންޑް، ވޭލްސް އަދި އުތުރު އަޔަލޭންޑް ހިމެނޭ އިނގިރޭސިވިލާތަށް މިދިޔަ އަހަރު 1648.5 ގަޑިއިރުގެ އަވި ދީފައިވާއިރު، މިއީ 2003 ވަނަ އަހަރު ކުރިން ހެދި ރެކޯޑަށް ވުރެ 61.4 ގަޑިއިރު އިތުރު އަދަދެކެވެ.

ވަރަށް ބޮޑަށް ހޫނު ގަދަވެފައިވާ އިނގިރޭސިވިލާތުގެ ސަރަހައްދެއް -- ފޮޓޯ/ ގެޓީ

މެޓް އޮފީހުގެ ހެޑް އޮފް ކްލައިމެޓް އެޓްރިބިއުޝަން މާކް މެކާތީ ވިދާޅުވީ މިހާ ހޫނު ވެގެންދިޔައީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ކަމަށެވެ.

"ކޮންމެ އަހަރަކީ ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު އަހަރަކަށް ނުވި ނަމަވެސް، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވުމުން އިނގިރޭސިވިލާތުގެ މޫސުމަށް އަސަރު ކުރަމުންދާކަން އަހަރެމެންގެ މޫސުމަށް އަންނަ ބަދަލުތަކާއި މޫސުމީ މޮޑެލްތަކުން ވަރަށް ސާފު،" އޭނާ އިތުރަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު ޖެނުއަރީ އަދި ސެޕްޓެމްބަރު ފިޔަވައި ކޮންމެ މަހަކު ވެސް އެވްރެޖްކޮށް ހޫނުވާ މިންވަރަށްވުރެ އިތުރަށް ހޫނުވެފައިވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް