ކުރީގެ ބައިވެރިޔާއާއެކު ރަހްމަތްތެރިކަމުގެ ގުޅުން ބޭއްވުން އާއްމުވަމުން އަންނާތީ އަނޫޕަމްގެ ކަންބޮޑުވުން

އިންޑިއާގެ އެކްޓަރު އަނޫޕަމް ހޭރް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ހަޔާތުގެ ކުރީގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާއާ އެކު އަލުން ރަހްމަތްތެރި ކަމުގެ ގުޅުން ބޭއްވުމަކީ މިހާރަކަށް އައިސް ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި މީހުން ދެކޭ ކަމަށާއި ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބޮލީވުޑްގެ އެކްޓަރު އަނޫޕަމް ހޭރް ބުނެފިއެވެ.

ދާދިފަހުން އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި އަނޫޕަމް ބުނީ ކުރީގެ ލޯބިވެރިންނާ އެކު އޮތް ގުޅުން ނިމުމަކަށް އައުމަށްފަހު އަލުން އިތުރު އެހެން ގުޅުމެއް އެ ދެ މީހުންގެ މެދުގައި ބޭއްވުމާ މެދު އެކްޓަރުގެ ޚިޔާލު ވަރަށް ތަފާތު ކަމަށެވެ.

ބައެއް މީހުން އެއީ މާބޮޑު ކަމަކަށް ނުހަދާ އެއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ކަނޑައަޅަމުން އައި ނަމަވެސް އޭގެ ނަތީޖާ ގިނަ ފަހަރު އެހާ ރަނގަޅު ނޫން ކަމަށާއި އެކަން ވަރަށް ގާތުން އަނޫޕަމްއަށް ފެނިފައި އެބަހުރި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އަނޫޕަމް އަންހެނުން ކިރަން އަދި ދޮންދަރި ސިކަންދަރު ހޭރްއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އެކީގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ވަކިވާ ދެ ބައިވެރިންނަކީ ޖަޒުބާތީ ގޮތުން ވެސް އެކަކު އަނެކަކަށް ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދެ މީހުން ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.

ދެ މީހުންގެ މާޒީގައި ވެސް ވަރަށް ގިނަ ހަނދާންތަކެއް ރައްކާކޮށްފައި ހުންނާނެއިރު އަލުން ރަހްމަތްތެރިންގެ ގޮތުގައި ތިބެ ހަޔާތަށް ގެންނަ އާ ބައިވެރިންނަށް ކުރީގެ ބައިވެރިޔާ އެކުވެރިއެއްގެ ގޮތުގައި ތައާރަފްކޮށްދީ އެ ގުޅުން ދެމެހެއްޓުމަކީ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.

މިފަހަކަށް އައިސް ފިލްމު އިންޑަސްޓްރީގައި ވެސް އެކަން އާއްމުވެފައިވާ ކަމަށް ވެސް ތަޖުރިބާކާރު އެކްޓަރު ވަނީ ބުނެފައެވެ. އެއީ ވަރަށް ގިނަ ދޭދޭ ގުޅުންތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށާއި އެކަން އާދައިގެ ކަމެއްގެ ގޮތުގައި ދެއްކި ނަމަވެސް ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަން އެއްވެސް ބަޔަކަށް ނޭނގޭނެ ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.

އިންޑިއާގެ މަނޯ ސްރީޖަން ވެލްނެސް ސެންޓަރުގައި ކައުންސެލިންގެ ސައިކޮލިޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ޑރ. އަޝިޝް ޕާންޑޭ ވިދާޅުވިގޮތުގައި ހަޔާތުގެ ބައިވެރިޔާ ކުރީގެ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާއާ އެކު ރަހްމަތްތެރި ކަމުގެ ގުޅުން ބޭއްވިޔަސް އެންމެ ރަނގަޅު ކަމަށް ނިންމާ ނިންމުމަކީ ހަގީގަތުގައި ގިނަފަހަރަށް ނާދިރު ކަމެކެވެ.

އޭގެ ބަދަލުގައި ކުރިން އެކީގައި ގިނަ ދުވަސްތަކެއް ހޭދަކުރި ބައިވެރިޔާއަށް ހިތުގައި އިހުތިރާމް ބޭއްވުމަށްފަހު ދެ މީހުންގެ ރަހްމަތްތެރިކަން ވެސް ވަކި ހައްދެއްގައި ބޭއްވުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ޑރ. އަޝިޝް ޕާންޑޭ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް