މިދިޔަ ނޮވެމްބަރު މަހުގެ ހަތެއްގައި ރިލީޒްކޮށް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބުނު ފިލްމު "ހަގް" ނެޓްފްލިކްސްގައި ޕްރީމިއާކޮށްފިއެވެ.
މި ފިލްމު ނެޓްފްލިކްސްގައި ޕްރީމިއާކުރިކަން އެ ޕްލެޓްފޯމްގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް އިއުލާނުކޮށްފައި ވަނީ، ފިލްމު ޑިޖިޓަލް ޕްލެޓްފޯމަކަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ވަރަށް ގިނަ ބަޔަކު ތިއްބައެވެ.
ފިލްމީ ތަރިން ކަމަށްވާ ޔާމީ ގޯތަމް އާއި އިމްރާން ހާޝިމީ ލީޑް ރޯލްތަކުން ފެނުނު "ހަގް" އަކީ ތިންފަށް ވަރީގެ މައްސަލައެއްގައި މީގެ 40 އަހަރު ކުރިން އިންޑިއާގައި ކުރިއަށްދިޔަ ޝަރީޢަތެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. މިއީ ޔާމީ އާއި އިމްރާން އެކީގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެނުނު ފުރަތަމަ ފިލްމުވެސްމެއެވެ.
މި ފިލްމުގައި ޔާމީ ކުޅެފައި ވަނީ 1985ގައި ތިންފަށް ވަރީގެ މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓަށް ވެއްދި ޝާހް ބާނޯގެ ރޯލެވެ. ފިލްމުގައި އިމްރާން ކުޅެފައި ވަނީ ޔާމީގެ ފިރިމީހާ އަދި ވަކީލެއްގެ ރޯލެވެ.

ފިލްމު "ހަގް"ގައި ގެނެސްދިން ވާހަކަ ހަގީގީ ދިރިއުޅުމުގައި ނިސްބަތްވާ ޝާހް ބާނޯ އަދި އެ ފިލްމުގައި ޝާހް ބާނޯގެ ރޯލް ކުޅުނު ޔާމީ އެކްޓަރު އިމްރާންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ޖަންގްލީ ޕިކްޗާސްއިން ގެނެސްދިން މި ފިލްމަކީ ފިލްމު "އޭކް ކިލާޅީ އޭކް ހަސީނާ" އަދި "އެސިޑް ފެކްޓަރީ" ފަދަ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދިން ސުޕަން ވަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެއިތުރުން ދާދިފަހުން ޖިއޯ ހޮޓް ސްޓާއިން ގެނެސްދިން، ބަތަލާ ކާޖޮލްގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "ދަ ޓްރަޔަލް" އަކީ ވެސް ސުޕަންގެ އުފެއްދުމެކެވެ.
ފިލްމު "ހަގް"ގައި ގެނެސްދީފައި ވަނީ އިންޑިއާގެ މުސްލިމް އަންހެނެއްގެ ހަޔާތާ ގުޅުންހުރި ވާހަކައެއް ކަމުން ފިލްމަށް ބެލުންތެރިންގެ މާބޮޑު ތަރުހީބު ލިބޭނެ ކަމަށް ގިނަ ބަޔަކު އުއްމީދެއް ނުކުރެއެވެ.
އެހެންނަމަވެސް ފިލްމުގައި ބަތަލާ ޔާމީ ދެއްކި މޮޅު އެކްޓިންއަށް ގިނަ ބަޔަކު ތައުރީފުކުރަމުން ބުނެފައި ވަނީ މި އަހަރުގެ ނެޝަނަލް އެވޯޑު ބަތަލާއަށް ހައްގު ކަމަށާއި އެކަން މި ފިލްމުން ޔާމީ ސާބިތުކޮށްދީފި ކަމަށެވެ. ހަމައެއާއެކު ފިލްމު ކްރިޓިކުން ވެސް ވަނީ "ހަގް"ގައި ގެނެސްދިން ވާހަކަ، ބިނާކޮށް އެކުލަވާލާފައިވާ ގޮތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.