ޚުތުބާގެ މައުޟޫ އަމިއްލައަށް ކަނޑައަޅައި، ކިޔުމުން ދީނީ ހަމަނުޖެހުން އުފެދޭނެ: ޝަހީމް

އިސްލާމިކް މިނިސްޓަރު ޝަހީމް: ވިދާޅުވީ، ޚުތުބާގެ މައުޟޫ އަމިއްލައަށް ކަނޑައަޅައި، ކިޔުމުން ދީނީ ހަމަނުޖެހުން އުފެދޭނެ ކަމަށް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޚުތުބާގެ މައުޟޫ އަމިއްލައަށް ކަނޑައަޅައި، ކިޔުމުން ދީނީ ހަމަނުޖެހުން އުފެދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ޚުތުބާގެ މައުޟޫތަކަށް ޚިޔާލު އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، ހުރިހާ މިސްކިތެއްގައި އެއް ޚުތުބާއެއް ކިޔާކަށް ނުޖެހޭ ކަމަށެވެ. އަދި، އެ މީހަކަށް ފެންނަ، އެއިރެއްގެ ހާލަތާ ގުޅޭ މައުޟޫއެއް އިޚުތިޔާރުކުރުމުގެ މިނިވަންކަން އޮންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން 'ސަން'އިން ލިޔުނު ޚަބަރާއެކު، މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑރ. އަބްދުﷲ ދީދީއަށް ވަރަށް އިހުތިރާމު ކުރައްވާކަމަށެވެ. ނަމަވެސް އޭނާ ގެންގުޅުއްވަނީ ރަނގަޅު ވިސްނުންފުޅެއް ނޫން ކަމަށެވެ.

އަބަދުﷲ ދީދީގެ ފާހަގަކުރެއްވި ވާހަކައަށް އިޝާރަތްކުރައްވައި، ޝަހީމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އިމާމުންނަކީ، އަމިއްލައަށް ޚުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫން ކަމަށާއި އަމިއްލައަށް، ނުބަލާ ޚުތުބާ ދިނުމުގެ ގާބިލުކަން ހުންނަނީ މަދު އިލްމުވެރިއެއްގެ ކަމަށެވެ.

އާންމު ގޮތެއްގައި ޚަތީބަކު ބޭނުންވާ މައުޟޫއަކަށް ޚުތުބާ ކިޔަން މިނިސްޓްރީން ފުރުސަތު ދެނީ ރާއްޖޭން ބޭރުން މިނިސްޓްރީގެ ދައުވަތަށް ޒިޔާރާތްކުރައްވާ އިލްމުވެރިންނަށެވެ. އެ ނޫން ނަމަ ހުރިހާ މިސްކިތެއްގައި ކިޔަނީ ކުރިއާލާއި ތައްޔާރުކޮށްފައިވާ ޚުތުބާއެވެ.

ނަމަވެސް، ނުބަލާ ޚުތުބާ ކިޔާ ބައެއް އިމާމުން، ޚުތުބާ ފަށާ ގޮތަށް ޚުތުބާ ނިންމުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ އެތައް މަސްލަހަތަކަށް ގެއްލުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ، އަމިއްލައަށް ޚުތުބާ ކިޔަން އެންމެނަށް ފުރުސަތު ދީފިނަމަ، ދީނީ ގޮތުން ނުތަނަ ވަސް ހާލަތަކަށް ރާއްޖެ ދިޔުމުގެ ބިރު އެބަ އޮތް ކަމަށާއި އެ ކަމަށް ޖާގައެއް ނުދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އިމާމަކު ޚުތުބާ ކިޔަނީ: ޚުތުބާގެ މައުޟޫ އަމިއްލައަށް ކަނޑައަޅައި، ކިޔުމުން ދީނީ ހަމަނުޖެހުން އުފެދޭނެ ކަމަށް ޝަހީމް ވިދާޅުވި -- ފޮޓޯ: އިސްލާމިކް އެފެއާޒް

އިތުރަށް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޚުޠުބާ ކަންތަކުގައި ޢަމަލު ކުރަނީ ރާއްޖޭގެ މަސްލަހަތާއި ދީނީ އެއްބައިވަންތަކަމާ ގުޅޭ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

ތިޔަވިދާޅުވާ ގޮތަށް ހުޅުވިފައި އޮންނަ ޤައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި ޖަމާޢަތްތައް އުފެދި އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ޚުޠުބާ ކިޔާ ހަމަނުޖެހުން އުފެދިގެން ގޮސްފައިވޭ. ‏ރާއްޖޭގައި ޒަމާނުއްސުރެ މިކަން ޤާއިމުވެފައިވާ ދިމާލަށް މިއަދު އިސްލާމީ ދުނިޔޭގެ ޤައުމުތައް ވަނީ އަމާޒު ހިފާފައިއިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ކުރީގެ ރާއްޖޭގެ ވެރިންނާއި ސަރުކާރުތަކުން ޚުތުބާގެ ނިޒާމު ދަމަހައްޓާފައި ވަނީ، ވަރަށް ރަނގަޅު ގޮތަކަށް ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ. އެ ގޮތަށް އިސްލާމިކް މިނިސްޓްރީން ދަމަހައްޓާނެ ކަމަށާއި ‏ޚުޠުބާގެ މަޢުޟޫތަކާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދީ މުޖުތަމަޢުއައް އެންމެ ބޭނުންތެރި މަގުން ޚުޠުބާ ތައްޔާރު ކުރަން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެއާއެކު، ސުންނަތަކީ ޚުތުބާ ކުރުވުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް