"އެއް ޚުތުބާއެއް ކިޔާކަށް ނުޖެހޭ، ހާލަތާ ގުޅޭ މައުޟޫއަކަށް ކިޔުމުގެ މިނިވަންކަން އޮންނަންވާނެ"

އޮކްޓޯބަރ 29، 2018: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުރިހާ މިސްކިތެއްގައި ސަރުކާރުން ލިޔެފައި ދޭ އެއް ޚުތުބާއެއް ކިޔުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޚުތުބާ ތައްޔާރުކުރުމަށް މައުޟޫއުތައް ކަނޑައަޅަން އާންމު ރައްޔިތުންގެ ޚިޔާލަށް ހުޅުވައިލައިފައެވެ.

އެއާއެކު އެކަމާ ބެހޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ވިދާޅުވީ، ހުކުރު ޚުތުބާޔަކީ އެއް މައުޟޫޢަކަށް ލިޔެގެން ހުރިހައި މިސްކިތެއްގައި އެއްގޮތަކަށް ކިޔަންޖެހޭ އެއްޗެއް ނޫން ކަމަށެވެ.

އަދި ހުކުރު ޚުތުބާ ދެވޭ ފެންވަރުގެ ޢިލްމާއި ޤާބިލުކަން ލިބިގެންވާ ކޮންމެ މީހަކަށް ޚުޠުބާ ދިނުމުގެ ހުއްދަ ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެ މީހަކަށް ފެންނަ، އެއިރެއްގެ ހާލަތާ ގުޅޭ މައުޟޫއެއް އިޚުތިޔާރުކުރުމުގެ މިނިވަންކަން އޮންނަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޚުޠުބާގެ މައުޟޫޢަކީ އަބަދު އަޚުލާޤާ ގުޅިފައިވާ މައުޟޫޢަކަށް ވާކަށް ނުޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ވެރިންނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ މި ޒަމާނުގެ ޚުޠުބާތަކުގައި ކޮންމެހެން ހިމެނެންޖެހޭ ކަމެއް؛ ޚުލަފާއުއް ރާޝިދޫން ގެ ސީރަތަށް ބެލުމުން އެކަން އެނގޭ،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ޚުދުމުޚުތާރު ވެރިންނަށް ނަޞޭޙަތް ދިނުމަކީ ޚަޠީބުންގެ ޒިންމާއެއްކަން ފާހަގަކުރައްވައި އަބްދުﷲ ވިދާޅުވީ، ސަރުކާރުން ލިޔެ އެއްގޮތަކަށް ތައްޔާރުކޮށްފައިވާ ޚުޠުބާ ކިޔުން ލާޒިމްކުރަނީ ފިކުރާއި ރައުޔުގެ މިނިވަންކަން އާންމު ގޮތެއްގައި ނޯންނަ ޤައުމުތަކުން ކަމަށެވެ.

https://sun.mv/216188

އާންމު ގޮތެއްގައި ޚަތީބަކު ބޭނުންވާ މައުޟޫއަކަށް ޚުތުބާ ކިޔަން މިނިސްޓްރީން ފުރުސަތު ދެނީ ރާއްޖޭން ބޭރުން މިނިސްޓްރީގެ ދައުވަތަށް ޒިޔާރާތްކުރައްވާ އިލްމުވެރިންނަށެވެ. އެ ނޫން ނަމަ ހުރިހާ މިސްކިތެއްގައި ކިޔަނީ ކުރިއާލާއި ތައްޔާރުކޮށްފައިވާ ޚުތުބާއެވެ.

އަދި މިނިސްޓްރީން ތައްޔާރުކުރާ ޚުތުބާތައް އިޝާރާތް މެދުވެރިކޮށް ޓީވީން ދައްކާއިރު، އިނގިރޭސި ބަހުގެ ތަރުޖަމާ ވެސް ލިބެން ހުރެއެެވެ.

comment ކޮމެންޓް