ތެލިތަކަކާއި ހަރުގަނޑެއްގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ، އެކި މައްސަލަތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެތީގެ ވެރިފަރާތް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ.
އެ ތަކެއްޗަކީ، ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި، ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ތަކެތީގެ ތެރޭގައި، މިދިޔަ ހަފުތާގެ ބުދަ ދުވަހު، ހިޔާ ޕާކުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި، ސުވާލުކުރި މީހެއްގެ އަތުން ފެނުނު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އަސުސް ބްރޭންޑުގެ ލެޕްޓޮޕެއް ހިމެނެއެވެ.

ދެ ފުލުހުން ހިނގާފައި ދަނީ: ތެލިތަކަކާއި ހަރުގަނޑެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހަމައެހެންމެ، މިދިޔަ ހޮނިހިރު ދުވަހު ފެނުނު ތިން އެއްޗެއްގެ ވެރިފަރާތް ހޯދަން ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އެއީ، އެ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ދެ ދަބަހާއި ހުޅުމާލެ ލަކުޑި ޖެޓީން ހޮވައިގެން ގެނެސްފައިވާ ނޫކުލައިގެ ވޮލެޓަކާއި ހިޔާ 13 ކައިރިއަށް ދަތުރުކުރި ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ހެލްމެޓެކެވެ.
އެއާއެކު، މިދިޔަ އާދިއްތަ ދުވަހު ހޮވައިގެން ގެނެސްފައިވާ ތެލިތަކަކާއި މިދިޔަ އަންގާރަ ދުވަހު މާވެޔޮމަގާ ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި، ސުވާލުކުރި މީހެއްގެ އަތުން ފެނުނު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަރުގަނޑެއްގެ ވެރިފަރާތް ފުލުހުން އަންނަނީ ހޯދަމުންނެވެ.
ފުލުހުން ބުނީ، އެ ތަކެތީގެ ވެރިފަރާތުން ކާކުކަން އެނގޭނެ ލިޔުމަކާއެކު، އެ މުއައްސަސާއަށް ގުޅައި، ތަކެއްޗާ ހަވާލުވާން އެދޭ ކަމަށެވެ.
މިއީ، ފުލުހުން ދޭތެރެއަކުން ކުރަމުން އަންނަ އިއުލާނެކެވެ. ބައެއް ފަހަރަށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކެޔޮގަނޑު ފަދަ ތަކެތީގެ ވެރިފަރާތް ހޯދަން ވެސް ފުލުހުން އިއުލާނުކުރެއެވެ.