އާޚިރަތް ދުވަހުގެ އިމްތިޙާނަކީ ދެވަނަ ފުރުސަތެއް ނެތް ބޮޑު އިމްތިޙާނެއް!

1438 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު

ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބަ އޮތް ކަމަށާއި އާޚިރަތް ދުވަހުގެ އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.

މިއަދުގެ ޚުތުބާ ދީފައިވަނީ "މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް" މި މައުޞޫގެ މައްޗަށެވެ. ޚުތުބާގައި ހަނދާން ކޮށްދިނީ ދުނިޔެވީ ޙަޔާތަކީ ވަގުތީ ޙަޔާތެއް ކަމާއި ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެއް ކަމެވެ.

އެހެންކަމުން އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރަންޖެހޭނެ ކަމެއްކަން ޚުތުބާގައި ހަނދާން ކޮށްދިނެވެ. ހަމައެއާއެކު އާޚިރަތް ދުވަހުގެ އިމްތިޙާނަށް ތައްޔާރުވުމަށް ނަސޭހަތްތެރިވިއެވެ.

"ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބަ އޮތް. އެއީ އާޚިރަތް ދުވަހުގެ އިމްތިޙާން. މި އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެ. އެއީ ހުރިހައި އެންމެން ވެސް ކުރިމަތިލާން ޖެހޭނޭ އިމްތިޙާނެއް," ޚުތުބާގައި ބުންޏެވެ.

"ފިރިހެނުންނާއި އަންހެނުންް. މުއްސަނދީންނާއި ފަޤީރުންް. ވެރީންނާއި ރައްޔިތުންް. ފަހެ، އެ ދުވަހުގެ އިމްތިޙާނަށް ޓަކައި ތިބާ ތައްޔާރުވެއްޖައީމު ހެއްޔެވެ؟"

ޚުތުބާގައި ބުނީ އެ އިމްތިޙާނުގައި އެހީވެދޭނެ މީހަކު ނުހުންނާނެ ކަމަށެވެ. ބައްޕައަކު ދަރިއަކަށް، އަތްނބަކު ފިރިއަކަށް، ރަޙުމަތްތެރިއަކު ރަޙްމަތްތެރިއަކަށް ވެސް އެހީއެއް ނުވެވޭނެކަން ޚުތުބާގައި ހަނދާން ކޮށްދިނެވެ. އެ ދުވަހު ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތް ނުވެވިގެންކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

މާތް الله ވަޙީކުރައްވައިފައިވެއެވެ. "ފަހެ، ގަދަފަދަ އަޑު އަތުވެއްޖެ ހިނދެވެ. (އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރީންގެ ކިބައިން ފިލާންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތިކުރާނޭ ކަމެއް އެ ދުވަހުން ވެއެވެ."

ޚުތުބާގައި އިތުރަށް ބުނީ މަރު އައިސް އަހަރެމެންނާ ބައްދަލުކުރުމުން ލަހެއް ފަހެއްނެތި އިޖާބަދޭން ޖެހޭނެ ކަމަށެވެ. އެއަށް ފަހު ޤިޔާމަތާ ހަމަޔަށް އޭނާ އޮންނާނީ ކަށްވަޅުގައިކަން ހަނދާން ކޮށްދިނެވެ. އެއީ އަލުން ދިރުއްވައި މަޙުޝަރުކުރެއްވުމާ ހަމަޔަށް ކަމަށާއި މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން އެ ދުވަހުގެ ބިރުވެރިކަމުގައި އެ މައިދާނުގައި، ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި ތިބޭން ޖެހޭނެ ކަމަށް ބުންޏެވެ. އެ ބިރުވެރި ދުވަހުގެ ހުއްޓި ހުރުމަކީ ލުއިފަސޭހަ ހުއްޓިހުރުމަކަށް ހެދުމާއި ނުހެދުން އޮތީ އަހަރެމެންގެ އަތްމަތީގައި ކަމަށް ޚުތުބާގައި ބުންޏެވެ. ތަޤުވާވެރި ޞާލިޙު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިޙުސާސްކުރެވޭނީ، ދުންޔަވީ ޙަޔާތުން ނަމަ މެންދުރު ނަމާދާއި ޢަޞްރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

"މުސްލިމް އަޚުންނޭވެ! މާތް ﷲއަށް އުރެދުނު މީހުންނާއި ފާފަކުރުމުގައި ދެމި ތިބެ މަރުވެ ދިޔަ އެންމެންނަށް އެ ދުވަހު އޮތީ ﷲގެ ވަޙީބަސްފުޅުގައި ވާފަދައިން ކަންބޮޑުވުމާއި ހިތްދަތިކަން," ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ބަޔާންކޮށްދެއްވައި، އެ ދުވަހާ މެދު އިންޒާރުކުރައްވައިފައިވަނީ އެއިން އަހަރެމެން ޢިބުރަތް ޙާޞިލުކޮށް އެ ދުވަހަށް ތައްޔާރުވުމަށް ޓަކައި ކަމަށެވެ.

comment ކޮމެންޓް