މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްއިން އެއް ޕޯސްޓެއްގައި 20 ފޮޓޯއާއި ވީޑިއޯ އެއްފަހަރާ ހިއްސާކުރެވޭ ގޮތަށް އެ ޕްލެޓްފޯމުގެ މީޑިއާ އެޓޭޗްމަންޓް ލިމިޓް ބޮޑުކޮށްފިއެވެ.
މި ބަދަލާއެކު، މީގެ ކުރިން އެއް ޕޯސްޓެއްގައި ހަމައެކަނި ހަތަރު ފޮޓޯ ނުވަތަ ވީޑިއޯ ހިއްސާކުރެވޭ ގޮތަށް އޮތް އުސޫލު ވަނީ ފަސް ގުނައަށް އިތުރުވެފައެވެ. އެކްސްގެ މޮބައިލް އިންޖިނިއަރިން ލީޑް ޖޯނާ ކެޓްޒް ހާމަކުރެއްވި ގޮތުގައި، ފާއިތުވި ދިހަ އަހަރު ދުވަހު އެ ޕްލެޓްފޯމުގައި ބޭނުންކުރަމުން އައި ހަތަރު މީޑިއާ ފައިލްގެ ލިމިޓް އުވާލައި ގެނައި މި ބަދަލަކީ އެކްސްއަށް ގެނެވުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި އާ ފީޗާގެ ސަބަބުން، އިވެންޓްތަކުގެ އަޕްޑޭޓްތަކާއި، ދަތުރުފަތުރުގެ ފޮޓޯތަކުގެ އިތުރުން މާކެޓިން މެޓީރިއަލްތައް ފަދަ ގިނަ އަދަދެއްގެ ވިޝުއަލް ކޮންޓެންޓް ހިއްސާކުރާ ފަރާތްތަކަށް ވަކިވަކި ޕޯސްޓްތައް ނުވަތަ ދިގު ތްރެޑްތައް ހެދުމުގެ ބަދަލުގައި އެއް ޕޯސްޓަކުން އެކަން ކުރުމުގެ ފަސޭހަކަން ލިބޭނެއެވެ.
މި ޚިދުމަތް މިހާރު އެކްސްގެ ވެބް ޕްލެޓްފޯމުން ބޭނުންކުރެވެން ހުރިއިރު، އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ފަރާތްތަކުން އެކްސް އެޕްލިކޭޝަންގެ އެންމެ ފަހުގެ ވާޝަން އިންސްޓޯލް ކުރުމުން މި ފީޗާ ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެކްސް އެޕް މެދުވެރިކޮށް ފޮޓޯއާއި ވީޑިއޯ ހިއްސާކުރުމަށް އެޕް ހުޅުވުމަށްފަހު މަތީ މެނޫގައިވާ ކެމެރާ އައިކަންއަށް ފިތާލުމުން ނުވަތަ ހޯމް ޓައިމްލައިނުން ވާތްފަރާތަށް ސްވައިޕް ކޮށްލުމުން ކެމެރާއަށް ވަދެވޭނެއެވެ. އަދި ފޮޓޯ ނެގުމަށްފަހު ނުވަތަ ގެލެރީން ފައިލްތައް ނެގުމަށްފަހު ކެޕްޝަނާއި ލޮކޭޝަން ހިމަނައިގެން ފަސޭހަކަމާއެކު ޕޯސްޓް ކޮށްލެވޭނެއެވެ.
މި ބަދަލަކީ ހަމައެކަނި ސޯޝަލް ނެޓްވޯކިން ޕްލެޓްފޯމަކަށްވުރެ ބޮޑަށް އެކްސްގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ގެނައި ބަދަލެކެވެ. އެގޮތުން ދާދިފަހުން އެކްސްގެ މޮބައިލް އެޕަށް ގިނަ އަދަދެއްގެ އާ އައިކަންތަކެއް ތައާރަފްކޮށްފައިވާއިރު، މި އަހަރުގެ ކުރީކޮޅު އެކްސް މަނީގެ ނަމުގައި މާލީ ޚިދުމަތެއް ވެސް އެ ޕްލެޓްފޯމުން ވަނީ ތައާރަފްކޮށްފައެވެ.