އަލް މަނާސިކް ގުރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ރޭ އަޅުކަމުގައި އުޅެނިކޮށް މަރުވެއްޖެއެވެ.
އެ ގުރޫޕުން 'ސަން'އަށް ބުނި ގޮތުގައި، މަރުވީ، މ. ސައްކެޔޮމާގޭ މުހައްމަދު އިމްތިޔާޒެވެ. އެއީ، 60 އަހަރުގެ މީހެކެވެ.
އެ ގުރޫޕުން ބުނީ، އިމްތިޔާޒް މަރުވީ، ޞަފާ އާއި މަރުވާއާ ދެމެދު ހިނގަނިކޮށް، ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. އަދި، މަރުވީ ބަލިވެ، އުޅެފައި ނޫން ކަމަށް އެ ގުރޫޕުން ފާހަގަކުރިއެވެ.
އޭނާގެ ކަށުނަމާދު މިއަދު ފަތިސް ނަމާދަށް ފަހު، ހަރަމްފުޅުގައި ވަނީ ބާއްވާފައެވެ.
ހައްޖަށް އަދި އުމްރާއަށް ގޮސް އުޅުމުގެ ތެރޭގައި ދިވެހީން މަރުވުމަކީ ދޭތެރެދޭތެރެއިން ދިމާވާ ކަމެކެވެ. މި ސުކޫލު ބަންދުގައި 7،726 މީހުން އުމްރާއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.