ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހާލަތު އެންމެ ގޯސް އަހަރަކީ މިދިޔަ އަހަރު

ކާނާ ނުލިބުމުގެ ސަބަބުން ހިކި އަނަރޫފަވެފައިވާ ޣައްޒާގެ ކުޑަ ކުއްޖެއް. ފޮޓޯ/ރޮއިޓާސް

ނިމިދިޔަ 2025 އަކީ ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހާލަތާއި އާބާދީގެ ގޮތުން އެންމެ ގޯސް އަހަރު ކަމަށް ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

އަހަރު ނިމުމުން އާންމުކުރި ރިޕޯޓެއްގައި އެ ބިއުރޯއިން ބުނީ އެތައް ބަޔަކު މެރުމާއި، ގެދޮރު ދޫކޮށްލަން މަޖުބޫރު ކުރުމާއި، އަސާސީ ވަސީލަތްތައް ނައްތާލުމާއި، ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅުނު މީހުންގެ އާބާދީގެ ހަމަޖެހުމާއި، އިގްތިސާދީ އަދި އިޖްތިމާއީ ހާލަތާއި އިންސާނީ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.

ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއާ ހަވާލާދީ އެ ބިއުރޯއިން ބުނީ އޮކްޓޯބަރު 7، 2023 ގައި އިސްރާއީލުން ހަމަލާ ފެށިފަހުން ފަލަސްތީނުގެ 72،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 98 ޕަސަންޓު މީހުން މަރުވެފައި ވަނީ ޣައްޒާގައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދިން ހަމަލާތަކުގެ ތާރީޚުގައި ވެސް އެންމެ ގިނަ މީހުން މަރާލި ފަހަރެވެ.

ޑިސެމްބަރުގެ ނިޔަލަށް 18،592 ކުޑަކުދިންނާއި ގާތްގަނޑަކަށް 12،400 އަންހެނުން މަރާލާފައިވާއިރު، 11،000 މީހުން ވަނީ ގެއްލިފައެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 171،195 އަށް އުފުލިފައެވެ.

ޣައްޒާގެ އުތުރުގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ކުޑަކުދިންތަކެއް ކާނާ ހޯދަނީ. ފޮޓޯ/އޭޕީ

އެމެރިކާގެ ތާއީދާއެކު އިސްރާއީލުން ހަނގުރާމަ ފެށި ފަހުން ގާތްގަނޑަކަށް 100،000 ފަލަސްތީނަށް ޣައްޒާ ދޫކޮށް ދާން މަޖުބޫރުވިއިރު، ހަނގުރާމައިގެ ކުރިން ޣައްޒާގައި އޮތް 2.2 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ ގެދޮރު ދޫކޮށްލަން ޖެހުނެވެ.

އިސްރާއީލުން ހުޅަނގު އައްސޭރީއަށްވެސް ހަމަލާދީފައިވާއިރު، އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކޮށް، ގަވާއިދާ ޚިލާފަށް ވަޒަންވެރި ވެގެން އުޅޭ އިސްރާއީލުންގެ އަނިޔާވެރިކަމުގެ ސަބަބުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ 1،102 މީހުން މަރުވެ، 9،034 މީހުން ޒަޚަމްވެފައިވެއެވެ.

އާބާދީ ދަށްވުން

ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި މީހުން މަރުވުމާއި، ގެއްލުން އަދި ގެދޮރު ދޫކޮށް ދާން ޖެހުމުން ފަލަސްތީނުގެ އާބާދީއަށް ސީދާ އަސަރުކުރިއެވެ.

މިދިޔަ އަހަރު ނިމުނުއިރު، ޣައްޒާގެ އާބާދީން ގާތްގަނޑަކަށް 254،000 މީހުން މަދުވެފައިވާއިރު، މިއީ ހަނގުރާމައިގެ ކުރިން ލަފާކުރި މިންވަރާ އަޅާބަލާއިރު 10.6 ޕަސަންޓް ދަށްވުމެކެވެ.

ސިއްޙީ ނިޒާމު ފުނޑުފުނޑުވުން

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކާ ހަވާލާދީ އެ ބިއުރޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މެދުނުކެނޑި އިސްރާއީލުން ދެމުން ގެންދިޔަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސިއްޙީ ނިޒާމު ގާތްގަނޑަކަށް މުޅިންހެން ވަނީ ފުނޑުފުނޑުވެފައެވެ.

ޣައްޒާގެ މެދުތެރޭގައި ހުންނަ ދީރް އަލް ބަލާހްގެ ރެފިއުޖީ ކޭމްޕެއްގައި ފެންބޮޑުވެފައި. ފޮޓޯ/އޭޕީ

ޣައްޒާގެ ސިއްޙީ ހިދުމަތްދޭ ތަންތަނާއި ހޮސްޕިޓަލްތަކުގެ 94 ޕަސަންޓަށް ގެއްލުންވެ ހަލާކުވެފައިވާއިރު، ބޭހާއި ސިއްޙީ ސާމާނާއި ތެލުގެ ދަތިކަމުގެ ސަބަބުން 36 ހޮސްޕިޓަލް ވަރަށް ބޮޑަށް ހަލާކުވެ، މިހާރު ޚިދުމަތްދެނީ އެންމެ 19 ހޮސްޕިޓަލުންނެވެ.

ދެ މިލިއަން މީހުންނަށް ޚިދުމަތް ދިނުމަށް ހޮސްޕިޓަލްތަކުގައި މިހާރު ހުރީ ގާތްގަނޑަކަށް 2،000 އެނދެވެ.

ސިއްޙީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޣައްޒާގެ ރަނގަޅު ސިއްޙީ ފަރުވާ ނުލިބުމުގެ ސަބަބުން ގާތްގަނޑަކަށް 60،000 މާބަނޑު އަންހެނުންނަށް ވަނީ ސިއްޙީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވެއެވެ.

ޣައްޒާގެ އާބާދީގެ 70 ޕަސަންޓަށްވުރެ ގިނަ މީހުން ބަރޯސާވެފައިވަނީ ތަޣައްޔަރުވެފައިވާ ނުވަތަ ރައްކާތެރި ނޫން ބޯފެނަށެވެ.

އިގްތިސާދީ އަނދަވަޅަކަށް ވެއްޓުން

މިދިޔަ އަހަރު ފަލަސްތީނުގެ އިގްތިސާދު ވަނީ މީގެ ކުރިން ދަށަށް ނުދާ މިންވަރަކަށް ދަށްވެފައި ކަމަށް ބިއުރޯއިން ހާމަކޮށްފައިވެއެވެ.

ދެހާސް ތޭވީހާ އަޅާބަލާއިރު ޣައްޒާގެ ޖުމްލަ އުފެއްދުންތެރިކަން ވަނީ 84 ޕަސަންޓް ދަށްވެފައެވެ. ހުޅަނގު އައްސޭރީގެ އުފެއްދުންތެރި ކަމަށް 2024 ވަނަ އަހަރާ އަޅާބަލާއިރު 4.4 ޕަސަންޓުގެ ކުޑަ ކުރިއެރުމެއް ލިބުނު ނަމަވެސް މިދިޔަ އަހަރު ވަނީ 13 ޕަސަންޓް ދަށްވެފައެވެ.

ޣައްޒާގައި ވަޒީފާ ނެތް މީހުންގެ އަދަދު 46 ޕަސަންޓަށް އުފުލިފައިވާއިރު، ހުޅަނގު އައްސޭރީގައި 28 ޕަސަންޓް އަދި ޣައްޒާގެ 78 ޕަސަންޓް މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ.

އިސްރާއީލު ޖަލުތަކުގައި ތިބެ މަރުވެފައިވާ ފަލަސްތީނުގެ ބައެއް މީހުން ވަލުލަނީ. ފޮޓޯ/އޭއެފްޕީ

މިދިޔަ އަހަރު ނިމުނުއިރު ފަލަސްތީނުގެ ގާތްގަނޑަކަށް 650،000 މީހުން ވަޒީފާއެއް ނެތި އެބަތިއްބެވެ.

ހަނގުރާމައިގެ ސަބަބުން ތައުލީމީ ދާއިރާއަށް ބޮޑު ގެއްލުމެއް ލިބުނުއިރު، ޚާއްސަކޮށް ޣައްޒާގައި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު 179 އަށް ވުރެ ގިނަ ޕަބްލިކް ސްކޫލް މުޅިން ހަލާކުވެފައިވާއިރު، އިތުރު 218 ސްކޫލަކަށް ގެއްލުންވިއެވެ. އޭގެ ތެރެއިން 118 ޕަބްލިކް ސްކޫލާއި އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާ (ޔޫއެންއާރުޑަބްލިޔުއޭ) އިން ހިންގާ 100 ސްކޫލް ހިމެނެއެވެ.

މަތީ ތައުލީމު ފޯރުކޮށްދޭ ޣައްޒާގެ 63 ޔުނިވާސިޓީ މުޅިން ހަލާކުވެފައިވާއިރު، ހުޅަނގު އައްސޭރީގެ އަށް ޔުނިވާސިޓީއަކަށް އެކި ފަހަރު މަތިން ހަމަލާދީ ގެއްލުން ދީފައިވެއެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދިޔަ ހަނގުރާމަ މިދިޔަ އޮކްޓޫބަރު މަހު ނިމުމަކަށް ގެނައި ނަމަވެސް އިސްރާއީލުން އަދިވެސް އަންނަނީ އެކިވަރުގެ ހަމަލާތައް ދެމުންނެވެ.

comment ކޮމެންޓް