ސިކުނޑީގެ ޗިޕް އުފެއްދުން މި އަހަރު އިތުރު ކުރަނީ

މިހާތަނަށް މި ޗިޕް ލެއްވި ފުރަތަމަ ބަލިމީހާ ވަނީ ކާމިޔާބު ވެފައި -- ފޮޓޯ: ރޮއިޓާސް

އީލޮން މަސްކްގެ ސިކުނޑީގެ ޓެކްނޮލޮޖީއާ ބެހޭ ކުންފުނި، "ނިއުރަލިންކް" އިން އުފައްދާ ބްރެއިން-ކޮމްޕިއުޓަރު އިންޓަފޭސް ޑިވައިސްތައް ނުވަތަ ސިކުނޑީގެ ޗިޕްތައް 2026 ވަނަ އަހަރު ގިނަ އަދަދަކަށް އުފައްދަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މަސްކް ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2026 ވަނަ އަހަރުގެ ނިޔަލަށް މި ޗިޕްތައް "ހައި-ވޮލިއުމް" ކޮށް ނުވަތަ ގިނަ އަދަދަކަށް އުފައްދަން ފެށުމުގެ އިތުރުން، މި ޗިޕް ސިކުނޑިއަށް ލެއްވުމަށް ކުރާ އޮޕަރޭޝަންތައް ވެސް މުޅިން އޮޓޮމޭޓްކޮށް (ރޮބޮޓްގެ އެހީގައި) ކުރިއަށް ގެންދަން ފެށޭނެ ކަމަށެވެ.

ނިއުރަލިންކް އިން އުފައްދާ މި އިމްޕްލާންޓަކީ މައިބަދައަށް ލިބޭ އަނިޔާތަކުގެ ސަބަބުން ވާގިނެތޭ މީހުންނަށާއި، ހަށިގަނޑުގެ ގުނަވަންތައް ހަރަކާތްތެރިކުރުމުގައި ދަތިތައް ހުންނަ މީހުންނަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. މިހާތަނަށް މި ޗިޕް ލެއްވި ފުރަތަމަ ބަލިމީހާ ވަނީ އޭގެ އެހީގައި ހަމައެކަނި ވިސްނުމުން، ކޮމްޕިއުޓަރުގެ ކާސާ ހަރަކާތްތެރިކޮށް، ވީޑިއޯ ގޭމް ކުޅުމާއި އިންޓަނެޓް ބޭނުންކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަން ދަސްކޮށްފައެވެ.

https://sun.mv/175584

މި މަޝްރޫއަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު މަޝްރޫއެކެވެ. އެގޮތުން 2022 ވަނަ އަހަރު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން ސަލާމަތީ ސަބަބުތަކަށްޓަކައި މިކަމަށް ހުއްދަ ނުދީ ހިފެހެއްޓިއެވެ. ނަމަވެސް، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށްފަހު، 2024 ވަނަ އަހަރުގެ ކުރީކޮޅު އިންސާނުންގެ ހަށިގަނޑުގައި މި ޗިޕް ޓެސްޓުކުރުމުގެ ހުއްދަ ލިބި، މިހާރު ވަނީ އަމަލީ މަސައްކަތް ފަށާފައެވެ.

ނިއުރަލިންކުން ހާމަކޮށްފައިވާ ގޮތުގައި، މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ނުކުޅެދުންތެރިކަން ހުންނަ 12 މީހަކު ދަނީ މި ޗިޕް ބޭނުންކުރަމުންނެވެ. އަދި މި މަސައްކަތް ފުޅާކުރުމަށްޓަކައި މިދިޔަ ޖޫން މަހު އެ ކުންފުންޏަށް ވަނީ 650 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެހީ ލިބިފައެވެ.

މި އައު ޓެކްނޮލޮޖީއާއެކު، ކުރިއަށް އޮތް އަހަރުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު