ސަރުކާރުގެ މަޝްރޫއުތައް ބިޑަށް ހުޅުވާލާއިރު އެސްއެމްއީތަކަށް އިސްކަންދޭ ގޮތަށް އުސޫލު އިސްލާހުކުރަނީ

ރައީސް މުއިއްޒު ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން: ސަރުކާރުގެ މަޝްރޫއުތައް ބިޑަށް ހުޅުވާލާއިރު އެސްއެމްއީތަކަށް އިސްކަންދޭ ގޮތަށް އުސޫލު އިސްލާހުކުރަނީ -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ މަޝްރޫއުތައް ބިޑަށް ހުޅުވާލާއިރު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީތަކަށް) އިސްކަންދިނުމަށްޓަކައި މިހާރު އޮންނަ އުސޫލު އިސްލާހުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ރޭ ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ.

މިދިޔަ ސަރުކާރުގައި ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުގެ ބުރަ ބޮޑުކަން ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި، ޓެކްސް ދެއްކުމުގައި ލުއިތަކެއް ތައާރަފުކުރުމަށް ރައީސްގެ އަރިހުގައި އެދިފައިވެސް ވެއެވެ. އެއާއެކު، ޑޮލަރު ލިބުމުގެ ދަތިކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި ސަރުކާރުގެ މަޝްރޫއުތައް ލިބުމުގައި ހުރި ދަތިތައް ވެސް ވަނީ ފާހަގަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރެއިން މިހާރަށްވުރެ ފަހި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ. ދައުލަތުގެ އޮފީސްތަކުން އާއްމުކޮށް އިއުލާންކޮށްގެން ކުރިއަށް ގެންދާ ބީލަންތަކުގެ ތެރެއިން، ޖުމުލަ އަގުގެ ގޮތުން ވަކި އަދަދަކަށްވުރެ ކުޑަ ބީލަންތަކަކީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ބީލަންތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި ބަދަލު ގެނައުމަށް މަޝްވަރާކުރަންޖެހޭ ދައުލަތުގެ އިދާރާތަކާ މަޝްވަރާކުރުމާއި، ގާނޫނާއި ގަވާއިދު އަދި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތްތައް އެ ވުޒާރާއިން ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރައީސް މުއިއްޒު ވިޔަފާރިވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ބީލަންތަކުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލައި، ޕްރޮކިއުމަންޓުގެ މަރުހަލާތައް މިހާރަށްވުރެ ލުއި ފަސޭހަކޮށްދިނުމާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުވާނެ ގޮތަށް އެ ނިޒާމު ބައްޓަންކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

އަދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޚާއްސަ އިސްކަމެއްދީގެން އެފަދަ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ސެޓްލްކުރާނެ ފަސޭހަ ގޮތެއް މީރާއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަޝްވަރާކޮށް, ހަމަޖެއްސުމުގެ މަސައްކަތްކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ޚިދުމަތްތަކާއި ފީތައް ވީ އެންމެ ކުޑަކޮށްދެވޭނެ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށެވެ. އަދި އެ ވިޔަފާރިތަކުން ޑޮލަރުން ދައްކަމުންދާ ފީތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ވީ އެންމެ އަވަހަށް މި ބަދަލު ތަންފީޒުކުރުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެވުޒާރާއިން ވަނީ މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ދެއްކުމަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް ބުނެފައެވެ.

https://sun.mv/215950

ކުރިއަށް އޮތް ދެ އަހަރު ދުވަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ ކަމަށް ރައީސް ވަނީ ވިޔަފާރިވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ރައީސްގެ މި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ބައެއް ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ސަރުކާރުން ވަނީ ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައެވެ. އެގޮތުން، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކަސްޓަމްސް އިން ވަނީ ވެލާނާ އެއާޕޯޓުގައި މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައެވެ.

އަދި، މަޝްރޫއުތަކަށް ޑިއުޓީ މައާފުކޮށް ގެންނަ އުޅަނދުތަކުގެ މަސައްކަތް ނިމުމުން، އެއުޅަނދުތައް ވިޔަފާރި އުސޫލުން ބޭނުންކުރާ ފަރާތްތަކާމެދު މިއަދުން ފެށިގެން ފިޔަވަޅު އެޅުމަށް ވެސް ކަސްޓަމްސްއިން ރޭ ނެރުނު ބަޔާނެއްގައި އިންޒާރުދީފައިވެއެވެ.

comment ކޮމެންޓް