ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

ވީއައިއޭއިން ކާގޯ އުފުލުން: ވެލާނާ އެއާޕޯޓުގައި މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި-- ފޮޓޯ/ ވީއައިއޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ ވައިގެ މަގުން އަންނަ މުދާ ކްލިއާ ކުރުމަށް ކަސްޓަމުން ދޭން ޖެހޭ ހުރިހާ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކަސްޓަމުން މިފަދައިން އިއުލާންކޮށްފައި ވަނީ ވީއައިއޭގައި މުދާ ކްލިއާކުރުމުގެ ޚިދުމަތް، 24 ގަޑިއިރަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި ފަހުންނެވެ. ރައީސް މިގޮތަށް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު އެރޭ ބޭއްވި ބައްދަލުވުމެއްގައި ވިޔަފާރިވެރިއަކު ހިއްސާކުރި ކަންބޮޑުވުމަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

ރައީސް މުއިއްޒު: ވެލާނާ އެއާޕޯޓުގައި މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެ ބައްދަލުވުމުގައި ވިޔަފާރިވެރިއަކު ވަނީ ކަސްޓަމްސްގެ ޚިދުމަތުގެ ވަގުތު މަދުވުމާ ގުޅިގެން މުދާ ކްލިއާކުރާ ވަގުތު ދިގުލައިގެންދާ ކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އެކަމުގެ ސަބަބުން މުދާ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ، ޑެމަރޭޖް ފީ ބޮޑުވާކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާގެ ކަންބޮޑުވުމަށް އިޝާރާތްކުރައްވާ، ރައީސް ވަނީ މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ރާއްޖެއަށް މުދާ އެތެރުކުރުމުގައި ހޭދަވާ ޑޭމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މާލޭ ވިޔަފާރި ބަނދަރުން، އަމިއްލަ ފަރާތްތަކުގެ ވެހިކަލް ވައްދައިގެން މުދާ ކްލިއާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށާއި، ކުރިން ރުފިޔާއިން ދައްކަންޖެހޭ ބައެއް ފީތަކަށް ވެސް ގެނެވެން އޮތް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

https://sun.mv/215480

އޭގެ އިތުރަށް ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ކަންކަމަށް އިޝާރާތްކުރައްވައި، އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މި މަސް ނިމުމުގެ ކުރިން ވީހާ ވެސް ގިނަބަޔަކަށް ފައިސާ ދޫކުރަން ކަމަށެވެ.

އެގޮތުން، އަންނަ ރޯދަ މަހުގެ ކުރިން ހުރިހާ ފައިސާއެއް ދައްކާ ނިންމަވާނެ ކަމުގެ ޔަގީންކަން ވިޔަފާރިވެރިންނަށް ރައީސް ދެއްވިއެވެ.

ވެއާހައުސްއާއި އެކި ބޭނުންތަކަށް ކުއްޔަށް ތަންތަން ނުލިބޭ މައްސަލައާ ގުޅުވައި ރައީސް ވިދާޅުވީ، ހުޅުމާލެއިން ކުޑަ އަގެއްގައި ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ނެގޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.

comment ކޮމެންޓް