ފިލްމު 'ޓޮކްސިކް'ގައި ނަޔަންތާރާ އަކީ ގަންގާ

ސައުތު ސިނަމާގެ ކާމިޔާބު ބަތަލާ ނަޔަންތާރާ "ޓޮކްސިކް"ގައި ކުޅޭ ކެރެކްޓާގެ ޕޯސްޓަރު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ކަންނާޑާ އެކްޓަރު ޔަޝްގެ އާ ފިލްމު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސް"ގައި ބަތަލާ ނަޔަންތާރާ ފެންނާނެ ގޮތް ދައްކާލައިފިއެވެ.

ނަޔަންތާރާ ފިލްމުގައި ފެންނާނެ ކެރެކްޓާ ދައްކައިލި ފަސްޓް ލުކް ޕޯސްޓަރުގައި ބަތަލާ ތައާރަފްކޮށްދީފައި ވަނީ "ގަންގާ"ގެ ނަމުންނެވެ. މި ޕޯސްޓަރުގައި ނަޔަންތާރާ ފެންނަނީ ވަރަށް ސީރިއަސް ލުކްއެއްގައި އެހާމެ ބާރުގަދަ ޖެހިލުންކުޑަ ކެރެކްޓާއެއްގެ ގޮތަށެވެ.

ވަރަށް ވަރުގަދަ ބަޑީގެ ހަތިޔާރަކާ އެކު ކެސީނޯއަކަށް ވަންނަން ދާ މަންޒަރު ދައްކުވައިދޭ މި ޕޯސްޓަރާ އެކު ނަޔަންތާރާ ފިލްމުގައި ފެންނާނީ ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ފިލްމު "ކޭޖީއެފް"ގެ ސީރީސްތަކުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ޔަޝް ލީޑް ރޯލް ކުޅޭ ފިލްމު "ޓޮކްސިކް" އަކީ ވަރަށް ވަރުގަދަ ގޭންގްސްޓާ ފިލްމެކެވެ. މި އަހަރުގެ މާޗް މަހުގެ 19ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ ޔަޝް އާއި ޑައިރެކްޓަރު ގީތޫ މޯހަންދާސްގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށް އުފައްދާ ފިލްމެކެވެ.

ފިލްމު "ޓޮކްސިކް"ގެ ކާސްޓުގައި ހިމެނޭ ބަތަލާއިންގެތެރެއިން އެ ތަރިން ކުޅޭ ކެރެކްޓާ މިހާތަނަށް ދައްކާލި ކިއާރާ، ނަޔަންތާރާ އަދި ހުމާގެ ޕޯސްޓަރުތަކެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ ބޮލީވުޑް ތަރިން ކަމަށްވާ ކިއާރާ އަދުވާނީ، ހުމާ ގުރައިޝީ އަދި ތާރާ ސުތާރިއާ ހިމެނޭއިރު ކިއާރާ އަދި ހުމާ ފިލްމުގައި ކުޅޭ ކެރެކްޓާގެ ޕޯސްޓަރު ވެސް ދާދިފަހުން ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.

މީގެއިތުރުން މި ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭ އަކްޝޭ އޮބެރޯއީ، ރުކްމިނީ ވަސަންތު، ސުދޭވް ނައިރް އަދި އަމިތު ތިވާރީ ހިމެނެއެވެ.

comment ކޮމެންޓް